ޚަބަރު

ޒުވާނުންގެ ދުވަހުގެ ޖަލްސާ ފަސްކުރައްވައިފި


މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ޖަލްސާ ފަސްކުރައްވައިފިއެވެ.

މި ޖަލްސާ ފަސްކުރައްވާފައިވަނީ، މޫސުން ތަންނުދިނުމުގެ ސަބަބުން، ޖަލްސާއަށް ވަޑައިގަންނަވަންޖެހޭ ބައެއް ބޭފުޅުންނަށް ޖަލްސާއަށް ވަޑައިގަތުމުގައި ދަތިތަކެއް ދިމާވުމުގެ ސަބަބުންކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޖަލްސާ ބާއްވާނެ ތާރީޚެއް ފަހުން އިޢުލާން ކުރައްވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ސަރުކާރުން ގެންދަވަނީ، ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުންނެވެ. އެގޮތުން މިއަހަރުވެސް ޒުވާނުންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ. މިއަހަރުގެ ޒުވާނުންގެ ދުވަހަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިއާރަކީ "ޒުވާނުންނާއި އުންމީދު" މި ޝިއާރެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން މާލެއާއި، އަތޮޅު ތެރޭގެ އެކި ރަށްރަށުގައި ދުވަހާއި ގުޅުވައިގެން، ކުޅިވަރުގެ ގިނަ ޙަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް، ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.