ޚަބަރު

އައިއެޗްއެފް ނޭޝަންްސް ޓްރޮފީ: ގްރޫޕްގެ ފަހު މެޗުގައި ބަންގާޅު އަތުންވެސް ރާއްޖެ ބަލިވެއްޖެ


  • ފުރަތަމަ 2 މެޗުގައި އިންޑިއާ އަދި ނޭޕާލް އަތުންވެސްވީ ބަލި

  • ރާއްޖެއަށް ދެން އޮތީ ބްރޮންޒް މެޑަލް މެޗު

އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) ނޭޝަންސް ޓްރޮފީ 2026ގެ ގްރޫޕް ސްޓޭޖުގައި ދިވެހިރާއްޖެއިން ކުޅުނު ފަހު މެޗުގައި ބަންގްލްދޭޝް އަތުން ވެސް ބަލިވެއްޖެއެވެ.

ބޭގަމް ޚާލިދާ ޒިއާ -އައިއެޗްއެފް ނޭޝަންސް ޓްރޮފީގެ ނަމުގައި ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގަލްދޭޝް އަތުން ރާއްޖެ ބަލިވީ 20-33 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން ބަންގްލަދޭޝްއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދިންއިރު މިހާފު ނިމުނީ 5-16އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނެގީވެސް ރާއްޖެއިންނެވެ. އަދި އިތުރު ލަނޑެއް ޖަހައި ރާއްޖެއިން ދެލަނޑުގެ ލީޑެއް ވެސް ނެގިއެވެ.

އެހެންނަމަވެސް ބަންގްލަދޭޝް އިން މަޑުމަޑުން ގޭމުގެ ތެރެއަށް އެނބުރި އައިސް، މި ހާފު ނިމުމުގެ ކުރިން ބޮޑު ލީޑެއްގައި އޮވެ ހާފު ނިންމާލީއެވެ.

ދެވަނަ ހާފުގައި ވެސް ރާއްޖެއިން އަލުން ކޮންޓްރޯލް ނަގަން މަސައްކަތްކުރި ނަމަވެސް، މިހާފު ނިމިގެންދިޔައިރު 13 ލަނޑުގެ ލީޑެއްގައި އޮވެ ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް އިން ކުރިހޯދީއެވެ.

މި މެޗުން ވެސް ރާއްޖެ ބަލިވިއިރު މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ ދެމެޗުގައި، އިންޑިއާ އަދި ނޭޕާލް އަތުން ވެސް ރާއްޖެއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފައެވެ.

ރައުންޑް ރޮބިން އުސޫލުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ މެޗެއް ކުޅުމަށްފަހު ބްރޮންޒް މެޑަލް މެޗެއް އަދި ފައިނަލް މެޗެއް ކުޅޭ މި މުބާރާތުގައި ރާއްޖެއަށް މިހާރު މިވަނީ ފައިނަލް މެޗުން ޖާގަ ނުލިބޭނެކަން ކަށަވަރުވެފައެވެ.

ރާއްޖެއިން ކުޅުނު ދެމެޗުން ވެސް ބަލިވެ ބްރޮންޒް މެޑަލް މެޗު ކުޅެން ޖެހުނުއިރު ކުޅުނު ދެ މެޗުން ވެސް މޮޅުވެ އިންޑިއާ ވަނީ ފައިނަލް މެޗުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ފައިނަލްގައި ފެނިގެންދާނީ ބަންގްލަދޭޝާއި އިންޑިއާގެ ކުރިމަތިލުމެވެ. އަދި ތިންވަނަ ހޮވާމެޗު ނުވަތަ ބްރޮންޒް މެޑަލް މެޗުގައި ކުޅޭނީ ރާއްޖެއާއި ނޭޕާލެވެ.