ޚަބަރު

މިއަހަރުގެ މުދަލު ޒަކާތް، މިމަހުގެ އެކާވީސްވަނަ ދުވަހު ބައްސަވަނީ


މިއަހަރުގެ މުދަލު ޒަކާތް، މިމަހުގެ 21 ވަނަ ދުވަހު ބައްސަވަން ފަށްޓަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބް މުޙައްމަދު މުޞްތަފާ އިބްރާހީމް ވިދާޅުވީ، މީގެ ކުރިން ޢާންމުގޮތެއްގައި މުދަލުޒަކާތް ބައްސަވަމުން ގެންދެވީ ރަމަޟާން މަހުގެ ކުރިން ނުވަތަ ރަމަޟާން މަހުގެތެރޭގައި ނަމަވެސް މި އަހަރުގެ މުދަލު ޒަކާތް ބެހުން ލަސްވެފައިވަނީ މުދަލު ޒަކާތް ދެވެނީ މުދަލު ޒަކާތް ޙައްޤުވާ ފަރާތަތްކަށްތޯ ބެލުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. މުސްޠަފާ ވިދާޅުވީ މިދިޔަ އަހަރު 53،000 ފަޤީރުން ލިސްޓްކުރެވިފައި އޮތްނަމަވެސް މި އަހަރު ފަޤީރުންގެ ގޮތުގައި ލިސްޓްކުރެވިފައި އޮތީ 12،333 މީހުން ކަމަށެވެ.

މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ބޮލަކަށް 400 ރުފިޔާ ބެހިނަމަވެސް މިއަހަރު ކޮންމެ ފަޤީރެއްގެ ބޮލަށް 900 ރުފިޔާ ޖެހޭކަމަށް މުޞްތަފާ ވިދާޅުވިއެވެ. ޒަކާތް ބެހުން އޮންނާނީ މި މަހުގެ 21، 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 ން 2:30 ށް އިސްލާމިކް މިނިސްޓްރީގައެވެ. ރަށްރަށުގައި މުދަލު ޒަކާތްބެހުން ކުރިއަށްދާނީ އެރަށެއްގެ ކައުންސިލް އިދާރާގައި ކަމަށް މުޙައްމަދު މުޞްތަފާ ވިދާޅުވިއެވެ.

މުސްޠަފާ ވިދާޅުވީ ފަޤީރުންގެ ލިސްޓް އެކުލަވާލެއްވިއިރު ވ.އަތޮޅުން އެއްވެސް މީހަކު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނެތްކަމަށާއި އަދި ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ފަޤީރުންގެ ގޮތުގައި އެއްވެސް މީހަކު ރަޖިސްޓްރީކޮށްފައި ނުވާ ރަށްރަށްވެސް ހުރި ކަމަށެވެ.