ސިޔާސީ

ގުރައިދޫން 55 ޒުވާނަކު ޕީޕީއެމްއާ ގުޅިއްޖެ


ވެރިކަންކުރާ ޕާޓީ ޕީޕީއެމްއާ ތ.ގުރައިދޫން 55 ޒުވާނަކު ގުޅިއްޖެއެވެ.

ގުރައިދުން ޕީ.ޕީ.އެމްއާ ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ނައިބުރައީސް މުސާ ޒަމީރާއި ޙަވާލުކޮށްދެއްވީ، މިއަދު ހ.ކޮރަލްރީފްގައި ހުންނަ ޕީ.ޕީ.އެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިން މަނިކު ދޮންމަނިކުއެވެ. ގުރައިދުއަކީ، ކޮންމެ އިންތިޚާބެއްގައިވެސް ޕީ.ޕީ.އެމް.އަށް ފުރިހަމަ އަޣުލަބިއްޔަތު ލިބޭ ރަށެއްކަން ފާހަގަކުރައްވަމުން ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު ވިދާޅުވީ، ޕީ.ޕީ.އެމްއާ މި ގުޅުނު ގިނަ މެންބަރުންނަކީ ޒުވާނުންކަމަށާއި، އަންނަ ނޮވެންބަރު މަހުގެ ކުރީން އެއަދަދު ސަތޭކައަށް އިތުރުވާނެކަމަށެވެ. އަދި އަމާޒަކީ، މުޅި ގުރައިދުއަކީވެސް ޕީ.ޕީ.އެމްގެ މެންބަރުން ތިބޭ ރަށަކަށް ހެދުންކަމަށް އޭނާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، ޕީ.ޕީ.އެމްގެ ނާއިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ، ގުރައިދުއަކީ ޕީ.ޕީ.އެމްގެ ސަޕޯޓަރުން ގިނަ ރަށެއްކަމަށާއި އަތޮޅުތަކުގައި ބާއްވަމުންގެންދާ ބޮޑުޖަލްސާ ދެންބާއްވާނީ ގުރައިދޫގައި ކަމަށެވެ. މިބައްދަލުވުމުގައި ބައިވެރިވި ތ.ގުރައިދޫގެ ބައެއް ޒުވާނުން ބުނީ، ޒުވާނުންނަށާއި ރަށްރަށުގެ ތަރައްޤީއަށް އެންމެ މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވަނީ ރައީސް ޔާމީންކަމަށާއި، އެމީހުންވެސް ތިބޭނީ ރައީސް ޢަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ކަމަށެވެ.