ތިމާވެށި

ސަރުކާރަށް 3 އަހަރު - ރާއްޖޭގެ ކުނީގެ މައްސަލައަށް ބޮޑު ހައްލެއް


ކުނީގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުނިމެނޭޖް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރެއްވުމަށް ސަރުކާރުން ދަނީ ކެނޑި ނޭޅި މަސައްކަތް ކުރައްވަމުންނެވެ.

ކުނީގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތަކަށް ބަލާއިރު އުތުރު ސަރަޙައްދުގެ ކުނި މެނޭޖްކުރުމަށްޓަކައި ރ. ވަންދޫގައި ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢު ފާހަގަކޮށްލެވެއެވެ. މިމަޝްރޫޢަކީ ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ އުތުރު ސަރަޙައްދުގެ އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ޒަމާނި ފެންވަރަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށިފައެވެ. ވޯލްޑް ބޭންކްގެ ބޮޑު އެހީތެރިކަމާއެކު ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުނު މި މަޝްރޫޢަށް 230 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14717737309133.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ

ރ.ވަންދޫ ތަރައްޤީކޮށް ސަރަޙައްދީ ކުނި ނައްތާލާ މަރުކަޒު ޤާއިމްކޮށް، ރާއްޖޭގައި މިހާތަނަށް ބެހެއްޓުނު އެންމެ ބޮޑު އިންސިނެރޭޓަރ ނުވަތަ ކުނި ނައްތާލާ މެޝިން ބެހެއްޓިފައިވަނީ ވަންދޫގައެވެ. މިއީ 2.5 މިލިއަން ޑޮލަރުގެ އިންސިނެރޭޓަރެކެވެ. ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން، އެސަރަހައްދުގައި އޮޕަރޭޓްކުރާ 22 ރިޒޯޓްގައި އުފެދޭ ކުނީގެ ތެރެއިން، ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނި ވަންދޫއަށް ގެންގޮސް، އެ މަސައްކަތް ފަށާ، މުޅި ނިޒާމް ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

އުތުރު ސަރަޙައްދުގެ ކާމިޔާބީއަށްފަހު ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ހއ، ހދ، އަދި ށ އަތޮޅުގައި މިފަދަ ނިޒާމެއް ޤާއިމްކުރުމަށެވެ. މި މަޝްރޫޢަށް އޮފިޑް ފަންޑުން އެހީ ލިބިފައިވާއިރު، ސަރަޙައްދީ ކުނި ނައްތާލާ ރަށެއް ވަރަށް އަވަހަށް ކަނޑައެޅިގެންދާނެއެވެ.

img:http://s2.psmnews.mv/images/660x400/14621853341265.jpg|ކުނި ނައްތާލާ މަރުކަޒަކަށް ކުނި ގެންދިއުމަށް ބޭނުންކުރާ ބާޖެއް - ފައިލް ފޮޓޯ: ޕީއެސްއެމް

ސަރުކާރުން މިހާރުވެސް ވަނީ ބައެއް ރަށްތަކުގެ ކުނި ކޮށިތައް އަޕްގްރޭޑްކޮށް ރަށު ފެންވަރުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް ފައްޓަވާފައެވެ. ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ގއ، ގދ، ޏ އަދި ސ ހިމެނޭ ދެކުނު ސަރަޙައްދުގައިވެސް ސަރަޙައްދީ ކުނި ނައްތާލާ ނިޒާމެއް ޤާއިމް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ދެކުނުގެ މަޝްރޫޢު ފެށުމަށްޓަކައި، ބައެއް ރަށްތަކުގެ ކުނި ކޮށިތައް އަޕްގްރޭޑް ކުރުމަށް މިހާރު ވަނީ އެކި ކުންފުނިތަކާ ޙަވާލުކުރެވިފައެވެ. މަޝްރޫއަށް ބޭނުންވާ ދެ ބާޖު ބަނުމުގެ މަސައްކަތް އިންޑިޔާގެ ކުންފުންޏަކުން ދަނި ކުރަމުންނެވެ.

އެންމެ އާބާދީބޮޑު މާލެ ސަރަޙައްދުގެ ކުނީގެ ޙާލަތު ވަރަށް ދަށު ދަރަޖައެއްގައި ވަނިކޮށް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން އުފައްދަވާ، މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.  އިންޑަސްޓްރިއަލް ވިލެޖުން އެއް ހެކްޓަރުގެ ބިން ހަމައެކަނި ކުނި މެނޭޖްކުރުމަށް ޚާއްސަ ކުރައްވާފައިވާއިރު، މަސައްކަތަށް ބޭނުންވާ ޢާލާތްތައް ހޯދުމަށްފަހު ޑިސެމްބަރުމަހު ކުނި މެނޭޖްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ކަމަށް ވެމް.ކޯ.އިން މަޢުލޫމާތުދެއެވެ.