ރިޕޯޓް

ޝަރުޢީ ދާއިރާ ހަރުދަނާ ކުރުމަށް ސުޕްރީމް ކޯޓުން ކުރާ މަސައްކަތް


2014 ވަނަ އަހަރުން ފެށިގެން ފާއިތުވެދިޔަ މުއްދަތަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ޙާޞިލުކޮށް، ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ތަނަވަސް ކޮށްދެއްވުމަށްޓަކައި މުހިންމު ގިނަ މަސައްކަތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން ކުރެއްވި އަހަރުތެކެކެވެ.

ޝަރުޢީ ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތް 1 އިންސައްތައަށް މަދުވެގެން ދިޔުމަކީ ފާއިތުވެދިޔަ 3 އަހަރު ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ހޯދާފައިވާ ބޮޑު ކުރިއެރުމެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރޭ ޝަރުއީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ ޝަރުޢީ ކޯޓްތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް ކޯޓްތަކުން ކުރެއްވި މަސައްކަތްތަކެވެ. އެގޮތުން 2015 ވަނަ އަހަރުގެ ނިޔަލަށް ޝަރުޢީ ކޯޓްތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން 5 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތް ހުރީ 1 އިންސައްތައިގައެވެ. އަދި މިއަހަރުގެ މިއަހަރުގެ މިހާތަނަށް ޝަރުޢީ ކޯޓްތަކުން ގެންދަވަނީ ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތް މަދުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެކި ކޯޓްތަކުން މަހުން މަހަށް އަމާޒުތައް ކަނޑައަޅުއްވައިގެން އެ އަމާޒުތަކަށް ވާޞިލުވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

މެޖިސްޓްރޭޓް ކޯޓްތަކުގައި ނުނިމި ހުރި މައްސަލަތައް ބެއްލެވުމަށް މާލެއިން އަތޮޅުތަކަށް ޝަރުޢީ ވަފުދުތައް ފޮނުއްވައިގެން އެ މައްސަލަތައް ނިންމެވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ. ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ އިތުރަށް އަވަސް ކުރެއްވުމުގެ ގޮތުން ދިވެހިރާއްޖޭގޭ ސުޕްރީމް ކޯޓުން ވަނީ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާއަށް ނަގާ މުއްދަތު 10 ދުވަހަށް ކުޑަކުރައްވާފައެވެ. މިއީވެސް އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ފަހިކޮށްދެއްވައި ތަނަވަސް ކޮށްދެއްވުމަށް ޝަރުޢީ ދާއިރާއިން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.

ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނަށް އިސްލާޙު ގެންނަވައި ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތައް ޤާއިމުކުރައްވައި، ހައިކޯޓްގެ ގޮފިތައް ހިމެނޭ ސަރަޙައްދުގައި ހުންނަ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތަކުގެ އިސްތިއުނާފް މަރުޙަލާ ކުރިއަށްދާނީ އެ ސަރަހައްދެއްގައި ޤާއިމުކުރައްވާ ހައިކޯޓްގެ ގޮފީގައިކަން ކަނޑައެޅުއްވިއެވެ. މިއީވެސް އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވުމުގެ މަގު ފަހިކޮށްދީ ތަނަވަސް ކޮށްދެއްވުމަށް ނިންމެވި މުހިންމު ނިންމެވުމެކެވެ. ކޯޓްތަކުގެ ޤާނޫނަށް ގެންނެވި މި އިސްލާޙާއި ގުޅިގެން ދިވެހިރާއްޖޭގެ އުތުރާ ދެކުނުގައި ހައިކޯޓްގެ ގޮފިތައް ޤާއިމުކުރައްވައި މިހާރު ގެންދަވަނީ މައްސަލަތައް ބައްލަވަމުންނެވެ.

ދިވެހިރާއްޖޭގެ ތާރީޚްގައި ސުޕީރިއަރ ކޯޓެއްގެ ގޮތްޕެއް މާލެއިން ބޭރުގައި ޤާއިމުކުރެއްވީވެސް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައެވެ. އެގޮތުން ހުޅުމާލޭގައި ސިވިލް ކޯޓްގެ ގޮތްޕެއް ޤާއިމުކުރެއްވުމަށް ނިންމަވައި، މިހާރު ގެންދަވަނީ ހިންގަވަމުންނެވެ. މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މަދަނީ މައްސަލަތަކުގައި ޢަދުލު އިންސާފާ ހަމައަށް ވާޞިލުވުމަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްގެ ގޮތުގައި ޝަރުޢީ ދާއިރާޢިން ފާގަކުރައްވައެވެ.

ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި 191 މެޖިސްޓްރޭޓް ކޯޓް ޤާއިމުކުރައްވާފައިވާއިރު މެޖިސްޓްރޭޓް ކޯޓްތަކުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރައްވައި، މެޖިސްޓްރޭޓް ކޯޓްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދެއްވުމުގެ ގޮތުން މިއަހަރު އެކަނިވެސް 14 މެޖިސްޓްރޭޓް ކޯޓެއްގެ އައު ޢިމާރާތް އަޅުއްވައި ބޭނުންކުރަން ފައްޓަވާފައިވެއެވެ.

އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓްތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވައި، އެކޯޓްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަށް ޙައްލުކޮށްދެއްވުމަށް ޝަރުޢީ ދާއިރާއިން ގެންދަވަނީ އިތުރު 9 ކޯޓެއްގެ އައު އިމާރާތް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި 9 ޢިމާރާތުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ނިންމަވައި ބޭނުންކުރައްވަން ފެއްޓެވޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ. މި ޢިމާރާތްތައް ބޭނުންކުރައްވަން ފެއްޓެވުމާއެކު މި އަހަރު ތެރޭގައި ޢިމާރާތް ކުރައްވައި ބޭނުން ކުރައްވަން ފެއްޓެވި މެޖިސްޓްރޭޓް ކޯޓްތަކުގެ އާ ޢިމާރާތުގެ ޢަދަދު 23 އަށް އަރާނެއެވެ. ޝަރުޢީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ވޭތުވެދިޔަ 3 އަހަރު ކުރައްވާފައިވާ އިތުރު މަސައްކަތްތަކަށް ބަލާލާއިރު މާލޭގެ ޖަސްޓިސް ބިލްޑިންގަށް ބަދަލުތަކެއް ގެންނަވައި ކްރިމިނަލް ކޯޓްގެ ޖާގަ ބޮޑުކުރެއްވުމަށްޓަކައި ކުރީގެ އެސްޓީއޯ ހެޑްއޮފީސް ހުރި ޢިމާރާތަށް ބަދަލުކުރައްވާފައިވެއެވެ. އަދި ހައިކޯޓްގެ އުތުރު ގޮފި ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ހދ. ކުޅުދުއްފުށީގައި ފައްޓަވައި ނިންމަވާފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި އަލަށް ޤާއިމުކުރެއްވި ސިވިލް ކޯޓްގެ ޑިވިޜަންގެ މަސައްކަތާއި، އުތުރާއި ދެކުނުގައި ޤާއިމުކުރެއްވި ހައިކޯޓްގެ ގޮފިތަކުގެ ޢިމާރާތުގެ މަސައްކަތްވެސް ޝަރުޢީ ދާއިރާއިން ވަނީ ކުރައްވާފައިވެއެވެ.

މި މަސައްކަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ކޯޓްތަކާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމަށްޓަކައި ޖުޑީޝަރީ ނެޓްވޯކް އެންހޭންސްމެންޓް ޕްރޮޖެކްޓް ފައްޓަވައި، ކޯޓްތައް އެއް ނެޓްވޯކްއަކުން ގުޅާލައި، ކޭސް މެނޭޖްމެންޓް ސިސްޓަމް އިތުރަށް ހަރުދަނާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ކޯޓްތަކުގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މައުލޫމާތު ފަތުރާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރައްވާފައިވެއެވެ. އަދި ޝަރުޢީ ދާއިރާއަކީ ދައުލަތުގެ އެންމެހައި މުއައްސަސާތަކުގެ ބާރާއި ނުފޫޒުން އެއްކިބާވެގެންވާ ދާއިރާއެއްކަން ކަށަވަރު ކުރެއްވުމަށްޓަކައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގެ ޙުރުމަތް ކެނޑޭގޮތަށް ޢަމަލުކުރި ބައެއް މުއައްސަސާތަކާއި، އެމުއައްސަސާތަކުގެ އިސްވެރިންނާމެދު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ވަނީ ފިޔަވަޅު އަޅުއްވާފައިވެއެވެ.

ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރައްވަމުންދާ މަސައްކަތްތަކުގެ އިތުރުން ސަރުކާރުން ގެންދަވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކޯޓްތަކުން ނިންމަވާ ނިންމެވުންތައް ގެންދަވަނީ ތަންފީޛް ކުރައްވަމުންނެވެ. އަދި އެއްވެސް ޙާލެއްގައި ޝަރުޢީ ކޯޓްތަކުގެ ނިންމެވުންތަކަށް ބާރުފޯރުވައި ނަހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންވެސް ވަނީ ވޭތުވެދިޔަ 3 އަހަރު ތެރޭގައި އެކި ފަހަރުމަތިން ވިދާޅުވެފައިވެއެވެ.

މިހުރިހާ ކަމަކަށް ނަޒަރު ހިންގައި ބަލާއިރު ވޭތުވެދިޔަ 3 އަހަރަކީ ޝަރުޢީ ދާއިރާއަށް ކާމިޔާބު 3 އަހަރުކަން ފާހަގަކޮށްލެވެއެވެ.