ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖޭޕީމޯގަންއާއި ދޮއިޗެ ބޭންކް ފަދަ ބައިނަލްއަޤުވާމީ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ހުއްދަ ދީފިއެވެ. މީގެ އިތުރުން، އެމެރިކާގެ އިންވެސްޓްމަންޓް ކުންފުނި، ފްރޭންކްލިން ޓެމްޕްލްޓަންއިން ވަނީ ރިޔާޟްގައި ހުންނަ އެ ކުންފުނީގެ އޮފީސް ވަގުތީގޮތުން ބަންދުކޮށްފައެވެ. އަދި، ވަކި ގޮތެއް އަންގަންދެން ގޭގައި ތިބެގެން މަސައްކަތްކުރުމަށް މުވައްޒަފުންނަށް އަންގާފައެވެ.
ސިޓީ ބޭންކުން ވެސް ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ހުއްދަ ދީފައެވެ. "[އަޅުގަނޑުމެން] އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުވައްޒަފުންނާއި އެ މީހުންގެ ޢާއިލާތަކުގެ ރައްކާތެރިކަމަށް،" އެ ބޭންކުގެ ޗީފް ފައިނޭންޝަލް އޮފިސަރ ގޮންޒާލޯ ލުޗެއްތީ ވިދާޅުވިއެވެ. ކުންފުނިތަކުން މި ފިޔަވަޅުތައް އަޅާފައި ވަނީ އޮކްޓޫބަރު 10 ގައި ރިޔާޟްގެ ކިންގް ޚާލިދު ބައިނަލްއަޤުވާމީ ވައިގެބަނދަރަށް އަދި އޮކްޓޫބަރު 13 ގައި ސަޢޫދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް އަމާޒުކޮށް ޙޫޘީން ދިން ހަމަލާތަކާ ގުޅިގެންނެވެ.
އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. ސަޢޫދީ ޢަރަބިއްޔާއިން ޔަމަނަށް ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެއާޕޯޓުތަކާއި ތެލުގެ ސިނާއަތުގެ ބިނާރާއި ވަސީލަތްތަކަށް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރު ޙޫޘީން ވަނީ ދީފައެވެ. ހަމަލާތަކުގެ ސަބަބުން ކުންފުނިތަކުގެ އޮފީސްތައް ހުޅުވާފައި ހުރި ނަމަވެސް، މަދަރުސާތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށްދާތީ، ގޭގައި ތިބެގެން މަސައްކަތްކުރުމަކީ ބެލެނިވެރިންނަށް ލިބުނު ލުޔެއް ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، ސެޕްޓެންބަރުން ޑިސެންބަރަށް ގަލްފުގައި ބާއްވާ ކޮންފަރެންސްތަކަށް ވަނީ ބުރޫއަރާފައެވެ. މި ގޮތުން، މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ފިއުޗަރ އިންވެސްޓްމަންޓް އިނިޝިއޭޓިވް ކޮންފަރެންސް ވެސް، އޮންލައިންކޮށް ބައިވެރިވެވޭ ގޮތަށް ބަދަލުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދަނީ ރާވަމުންނެވެ.