ޚަބަރު

2017 ގެ ބަޖެޓުން އެކަނިވެސް ރާއްޖެއަށް އަންނަމުންދާ ތަރައްޤީ ފެނޭ


އަންނަ އަހަރަށް ލަފާކުރައްވާފައިވާ ބަޖެޓުން އެކަނިވެސް ރާއްޖެއަށް އަންނަމުންދާ ތަރައްޤީ ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ވިލުފުށި ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ރާއްޖެއަށް އަންނަމުންދާ ތަރައްޤީ ހަމައެކަނި ފުރަ މާލެއަށް ބަލާލިނަމަވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން މާލެއާ ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށްދާގޮތް ރިޔާޒް ފާހަގަކުރައްވާފައިވެއެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ހުޅުހެންވޭރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މޫސާ މަނިކު ވަނީ، ރާއްޖެ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތަށްޓަކައި މިއަދުގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. މޫސާ މަނިކު ވިދާޅުވީ މިނިވަން މުއައްސަސާތަކަށް މީގެކުރިން ދެއްވަމުން އަންނަ ބަޖެޓަކީ ބޮޑު ބަޖެޓެއް ކަމަށާއި، އެ ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ބަދަލު ކުރައްވަމުން ގެންދަވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރައްވާ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައި ވަނީ 26 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.