ޚަބަރު

ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު


އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށްގެންދަވާ ޤައުމުގައި ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުއްވާލައްވައިފިއެވެ.

2017 ޖެނުއަރީ 14 ގައި ބާއްވާ ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަވަނީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެޤައުމުކަމަށްވާ އިންޑިއާ އަދި ސްރީލަންކާގައެވެ.

އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ދިރިއުޅޭ ދިވެހިން ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، އިއްޔެއިން ފެށިގެން މިމަހުގެ އެކާވީހުގެ ނިޔަލަށެވެ.

ޓްރިވެންޓްރަމުން ރެޖިސްޓްރޭޝަން ފޯމް ބަލައިގަންނަވަމުން ގެންދަވާނީ، އެސިޓީގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސުލޭޓް އޮފީހުންނެވެ. ކޮލަމްބޯއިން ފޯމް ބަލައިގަންނަވަމުން ގެންދަވާނީ، އެތަނުގައި ހުންނަ ދިވެހި އެމްބަސީންނެވެ.

އާދީއްތަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:30 ން 4:00 އަށް އެތަންތަނުން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، އާދީއްތަ ދުވަހު މެންދުރު 12:00 އިން ހަވީރު 5:00އަށް ފޯމް ބަލައިގަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވައެވެ.

ފޯމް ހުށައަޅާއިރު، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިއުމެއް ހުށައަޅަންޖެހޭނެއެވެ.

މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިމަހުގެ ހަތަކުން އެކާވީސް ވަނަދުވަހާ ހަމައަށް ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.