ޚަބަރު

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން ފަސްކުރަން ހުށައަޅައިފި


ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން އަންނަ އަހަރުގެ ޖުލައި މަހަށް ފަސްކުރެއްވުމަށް ހުށަހަޅުއްވައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން ފަސްކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

މި އިސްލާހުގައި ވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ތަސްދީޤުވެސް ކުރައްވާފައިވާ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފަސްކުރުމަށް ހުށަހަޅުއްވާފައިވާއިރު އެ ޤާނޫނުގައި ވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައި ކަމަށެވެ.

ޖިނާއީ އިޖުރާޢަތުގެ ޤާނޫނަކީ ޖިނާއީ ކުށް ތަޙްޤީޤުކުރުމާއި ޖިނާޢީ ކުށުގެ ދަޢުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކުރާ ޤާނޫނެކެވެ.

އެ ޤާނޫނުގައިވާ ގޮތުން އެފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމުގެ މަޤުޞަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާޢީ ކުށުގެ ތަޙުޤީޤުތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމާއި، އެފަދަ ތަޙުޤީޤުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުޞޫލުތައް ކަނޑައެޅުމެވެ.

ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާޢީ ކުށުގެ ދަޢުވާ އުފުލުމަށް ބާރުއެޅުމާއި، އެފަދަ ދަޢުވާތައް، ހަރުދަނާގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުޞޫލުތައް އެ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.