ޚަބަރު

ވިކްޓްރީއަކީ އަދިވެސް "ކުރީގެ ގަދަ ބާރެއް": މޯހަން


  • ވިކްޓްރީ ވަރުގަދަ ޓީމެއްގެ ގޮތުގައި އަލުން ގުނާނީ ކާމިޔާބު ހޯދުމުން

  • މޯހަންއާ ހަވާލުވި އެންމެ ބޮޑު މަސައްކަތަކީ ވިކްޓްރީގެ ކުރީގެ މަގާމަށް ގެންދިޔުން

ވަރުގަދަ ސްކޮޑަކާއެކު، މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގަށް ވިކްޓްރީ ސްޕޯޓްސް ކުލަބުން ނުކުތް ނަމަވެސް، އަދި ވިކްޓްރީއަކީ ގަދަ ބާރެއް ނޫން ކަމަށާއި، ވިކްޓްރީއަކީ އަދި ކުރީގެ ގަދަބާރެއް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުން މި ސީޒަނަށް ނުކުތީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ސްކޮޑުގައި ޖަހައިގެންނެވެ. އެއާއެކު އެ ޓީމަކީ މި ފަހަރުގެ ސީޒަނަށް ނުކުތްއިރު، ފޭވަރިޓުންގެ ގޮތުގައި ގުނާ ޓީމެކެވެ.

ވިކްޓްރީގެ ކޯޗު ޝިޔާޒް ބުނީ ވިކްޓްރީއަކީ މިހާރުގެ ގަދަ ބާރެއްގެ ގޮތުގައި ގުނާނީ ކާމިޔާބު ހޯދުމުން ކަމަށެވެ. އަދި އޭނާގެ ބޮލުގައި އެޅިފައި އޮތް އެންމެ ބޮޑު ޒިންމާއަކީ ވިކްޓްރީއަށް އެ ކާމިޔާބު ހޯދަދިނުން ކަމަށް ޝިޔާޒް ފާހަގަކުރިއެވެ.

ވިކްޓްރީން ބިސްބުރާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯޗު ޝިޔާޒް ބުނީ ތިން ދުވަހުން ތިން ދުވަހުން މެޗު ކުޅެން ޖެހުމުން އެންމެ ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށެވެ. އެކަމަކު ވިކްޓްރީން ލީގުގައި އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗަކީ ވިކްޓްރީ މިހާރު އޮތް ލެވަލް ވަޒަން ކޮށްލެވުނު މެޗެއް ކަމަށް ޝިޔާޒް ފާހަގަކުރިއެވެ.

ޝިޔާޒް ވަނީ ވިކްޓްރީން ދިގު ސީޒަނަކަށް ނުކުތްއިރު، އެ ޓީމުގެ ސްކޮޑުގައި އެއް ފެންވަރެއްގައި ކުޅޭ ގިނަ ކުޅުންތެރިން ނެތްކަން ފާހަގަކޮށްފައެވެ.

ލީގުގައި ވިކްޓްރީން މިއަދު ހަވީރު ނުކުންނާނީ ބިސްބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިއަދު ހަވީރު 16:00 ގައެވެ.