ސިއްހަތު

2492 މީހުން ހަކުރު ބައްޔަށް ޓެސްޓްކޮށްފި


ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް އިން ހިންގި ހަކުރު ބައްޔަށް ޓެސްޓްކުރުމުގެ ޕްރޮގްރާމްގައި 2492 މީހުން ހަކުރު ބައްޔަށް ޓެސްޓް ކޮށްފިއެވެ.

މި ޕްރޮގްރާމްގައި އައިޖީއެމް ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭގެ 6 ސަރަހައްދެއްގައި ހަކުރު ބައްޔަށް ޓެސްޓުކޮށްފައިވެއެވެ. އަދި ޕްރޮގްރާމްގެ ހަކުރު ބަޔަށް ޓެސްޓްކުރުމުގެ އިތުރުން ހަކުރު ބައްޔާ ބެހޭގޮތުން ޢާއްމުންނަށް މައުލުމާތު ދީފައިވޭ. ހަކުރުބަލީގެ ދުވަހާ ގުޅިގެން ހަކުރުބައްޔަށް މީހުން ޓެސްޓްކުރުމުގެ ޙަރަކާތް މާލޭގައި ބާއްވާފައިވަނީ ދަމަނަވެށީގައެވެ. މިއަދު ހެދުނު 8:00 ން ފެށިގެން މެންދުރު 2 ކާ ހަމައަށް ހިންގި މި ޙަރަކާތަށް ޢާންމުންގެ ބޮޑު އެއްބާރުލުމެއް ލިބުނުކަމަށް ދަމަނަވެށިން ވިދާޅުވެއެވެ.

މިޙަރަކާތާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން މެޑިކަލް އޮފިސަރ ޑރ. އަބްދުލްޢަޒީޒް ޙަމީދު ވިދާޅުވީ ހަކުރުބައްޔަށް ޓެސްޓުކުރަން ޖެހެނީ ޢުމުރުން ދުވަސްވުމުން ނޫންކަމަށާއި އެބަލި ހުރިކަން ދުރާލައި ދެނެގަތުން މުހިންމުކަމަށެވެ.

ހަކުރުބަލީގެ ދުވަސް ނޫން އެހެން ދުވަސްތަކުގައިވެސް ދަމަނަވެށީގެ، ގައިންގަޔަށް ނާރާ ބަލިތަކާބެހޭ ޚާއްސަ ކްލިނިކްގައި ހަކުރު ބައްޔަށް ޓެސްޓުކުރުމާއި ފަރުވާ ދިނުން ކުރިއަށް ދާނެކަމަށް އެތަނުން މައުލޫމާތުދެއެވެ. ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރުބައްޔައް ނަޒަރެއް".