ޚަބަރު

ޓްރާންސްމީޓަރު މެދުވެރިކޮށް ދީނުގެ އަޑާއި ޔެސްޓީވީ އައްޑޫއަށް


ޕީއެސްއެމްގެ ޔެސް ޓީވީއާއި ދީނުގެ އަޑުގެ ޚިދުމަތް ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޓްރާންސްމީޓަރު މެދުވެރިކޮށް އައްޑޫ ސިޓީއަށް ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ. މިއާއެކު އައްޑޫ ސިޓީވެގެންދާނީ ޓްރާންސްމީޓަރު މެދުވެރިކޮށް މާލެއާއި މާލެ ކައިރި ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދަކަށް މިޚިދުމަތް ލިބޭނެ ފުރަތަމަ ސިޓީއަށެވެ. މިހާރު މި ޚިދުމަތް އަތޮޅުތަކަށް މިހާތަނަށް ދެމުންދަނީ ކޭބަލް ޓީވީ މެދުވެރިކޮށް އެކަންޏެވެ.

އައްޑޫ މީޑިއާ ސެންޓަރު ހުޅުއްވުމުގެ ރަސްމިއްޔާތަށްފަހު ގެނެސްދިން ޚާއްޞަ ރާއްޖެ މިއަދު ޕްރޮގްރާމަށްދެއްވި އިންޓަރވިއުއެއްގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޙަލީލް ވިދާޅުވީ އައްޑޫގައި ހުޅުވި މީޑިއާ ސެންޓަރާއެކު މިއަދަކީ ޕީއެސްއެމްގެ ތާރީޚުގައި ވަރަށް ފާހަގަކޮށްލެވޭ ދުވަހެއްކަމަށާއި، ވަސީލަތްތައް ތަންދިން މިންވަރަކުން ޕީއެސްއެމް އިން ދެމުން އަންނަޚިދުމަތްތައް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ޚާއްޞަކޮށްގެން ފަށާފައިވާ، ޔެސް ޓީވީ އާއި ދީނީ މަޢުލޫމާތުތަކަށް ޚާއްޞަކޮށްގެން ގެނެސްދޭ ދީނުގެ އަޑުގެ ރޭޑިއޯގެ ޚިދުމަތް، ޓްރާންސްމީޓަރު މެދުވެރިކޮށް ކުރިއަށްއޮތް ސައުވީސްގަޑިއިރުގެ ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ދޭން ފަށާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14791138994374.jpg|ޕީއެސްއެމްގެ އެމްޑީ އިބްރާހިމް ޚަލީލް، އައްޑޫ މީޑިއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި - ފޮޓޯ: ޕީއެސްއެމް

ޚަލީލް ވިދާޅުވީ ދީނުގެ އަޑު، ޓީވީ ޗެނަލްއެއްގެ ގޮތުގައި ޚިދުމަތް ފެށުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއެކު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިމަހުގެ 30 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީއާއެކު ސޮއިކުރުމަށް ރާއްވާފައިވާކަމަށާއި، ރާއްޖެ އިސްލާމްވީ ދުވަހު މިޗެނަލްގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަކަމަށް ޚަލީލް ވިދާޅުވިއެވެ.

އައްޑުއަކީ ގިނަ ފުރުޞަތުތަކެއް ހުރި ތަނެއްކަން ފާހަގަކުރައްވައި، ޚަލީލް ވިދާޅުވީ އައްޑޫގައި ހުޅުވިގެންދިޔަ މީޑިއާ ސެންޓަރު މެދުވެރިކޮށް އެސަރަޙައްދުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމުގައެވެ. އެގޮތުން އައްޑޫގައި ހުރި ލޯކަލް ޓުއަރިޒަމްގެ ފުރުޞަތުތައް މީޑިއާ ސެންޓަރު މެދުވެރިކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެކަމުގައި ވިދާޅުވިއެވެ. އަދި އައްޑޫގެ މީޑިއާ ސެންޓަރު ތަރައްޤީވެގެންދާއިރު، އެސެންޓަރު މެދުވެރިކޮށް އެސަރަޙައްދުގެ ޙަރަކާތްތައް ލައިވްކުރުމާއި ކަވަރކުރުމުގެ މަގު ފަހިކުރުމަކީ އަމާޒެއްކަމަށް ޚަލީލް ވިދާޅުވިއެވެ. 

ޚަލީލް ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބިނާކުރަނިވި ފާޑުކިޔުންތަކަށް ފުރުޞަތު އެބައޮތްކަމަށެވެ. އަދި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ތަފާތު ކުރުމެއް ނެތި، ތެދު މަޢުލުމާތު ފެތުރުމުގައި ފަސްޖެހުމެއްނެތި މަސައްކަތްކުރާނެކަމުގައި ޚަލީލް ވިދާޅުވިއެވެ. ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ހުރި 7 މީޑިއާ ސެންޓަރު އަލުން ހުޅުވައި، އިތުރު 3 ސެންޓަރާއެކު މަސައްކަތް ފަށައިގަތުމަށް ޕީއެސްއެމް އިން ވަނީ ކަނޑައަޅާފައެވެ.