ތިމާވެށި

ކ. ދިއްފުށީ 40 ކިލޯވޮޓްގެ ސޯލާ ނިޒާމު ސްޓެލްކޯއާއި ޙަވާލުކޮށްފި


ކ. ދިއްފުށީގައި ޤާއިމުކުރައްވާފައިވާ އިރުގެ އަލިން ކަރަންޓް އުފައްދާ 40 ކިލޯވޮޓްގެ ނިޒާމު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މިއަދު ޙަވާލުކޮށްފިއެވެ. މި ނިޒާމް ސްޓެލްކޯއާއި ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓުގެ ދަށުން ދިއްފުށީގައި ޤާއިމުކުރައްވާފައިވާ އައިސް އުފައްދާ މެޝިން ދިއްފުށީ ކައުންސިލާއި ވަނީ ޙަވާލުކުރައްވާފައެވެ. img:http://s4.psmnews.mv/images/660x400/14791233710441.jpg|ސޯލާ އައިސް ޕްރޮޖެކްޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށާއި، ރާއްޖޭން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަފާތު މަޝްރޫޢުތައް ހިންގަވަމުންނެވެ. މިފަދަ އެއް މަޝްރޫޢަކީ ގްލޯބަލް ސަސްޓެއިނަބަލް އިލެކްޓްރިސިޓީ ޕާރޓްނަޝިޕް، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް - އޭ.ޑީ.ބީ އަދި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކ. ދިއްފުށީގައި ހިންގަވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދިއްފުށީގައި ޤާއިމުކުރައްވާފައިވާ އިރުގެ އަލިން ކަރަންޓް އުފައްދާ 40 ކިލޯވޮޓްގެ ނިޒާމަކީ ދުވާލަކު 190 ޔުނިޓުގެ ކަރަންޓް އުފައްދާ ނިޒާމެކެވެ. އެއީ ދުވާލު ގަޑީގައި ދިއްފުށީގައި ބޭނުންކުރާ ކަރަންޓުގެ އެންމެ މަތީ ލޯޑުގެ 12 އިންސައްތައާއި ގާތްކުރާ ނިސްބަތެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. img:http://s2.psmnews.mv/images/660x400/14791234203620.jpg|ސޯލާ އައިސް ޕްރޮޖެކްޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ކ. ދިއްފުށީގައި ޤާއިމުކުރައްވާފައިވާ އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމު ސްޓެލްކޯއާއި ޙަވާލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވީ، މިއީ، 2018 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިތުރުވި ބޮޅެއް ކަމަށެވެ. އަދި ދެމެހެއްޓެނެވި ތަރައްޤީއަށް ތިމާވެއްޓާއި ރައްޓެހިކަންކަން ތަޢާރަފުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14791233339261.jpg|ސޯލާ އައިސް ޕްރޮޖެކްޓް ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުލް މަތީން މުޙައްމަދު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވަނީ މި ޕްރޮޖެކްޓުގެ ދަށުން ދިއްފުށީގައި ޤާއިމުކުރައްވާފައިވާ އައިސް އުފައްދާ މެޝިން ދިއްފުށީ ކައުންސިލާއި ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިއްފުށީ ކައުންސިލް މެމްބަރު އިބްރާހީމް މުބައްސިރު ވިދާޅުވީ، އެރަށުގައި އަލަށް ޤާއިމުކުރައްވާ ނިޒާމުގެ ސަބަބުން ދިއްފުށީގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ ޚަރަދު ކުޑަވެގެންދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދިއްފުއްޓަކީ މަސްވެރިކަންކުރާ ރަށަކަށްވެފައި، އެރަށަށް ލިބުނު އައިސް ޕްލާންޓާއެކު، މަސްވެރިންނަށް އައިސް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، މުޅި ރާއްޖޭގައި މިހާރުވެސް ވަނީ 4 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް ޤާއިމުކުރައްވާފައިވެއެވެ.