ޚަބަރު

ބަޖެޓްގައި އައްޑޫ ސިޓީގެ ތަރައްޤީއަށް 262 މިލިއަން ރުފިޔާ


އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކަށް 262 މިލިއަން ރުފިޔާގެ މަޝްރޫޢުތައް އަންނަ އަހަރަށް ލަފާކުރައްވައި، ދައުލަތުން ހުށަހެޅުއްވި ބަޖެޓްގައި ވަނީ ކަނޑައަޅުއްވާފައެވެ. މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައިވެސް އައްޑޫ ސިޓީގައި ފަސްދޮޅަހަށްވުރެ ގިނަ މަޝްރޫޢު ވަނީ ހިންގަވާފައެވެ.

އަންނަ އަހަރަށް ލަފާކުރައްވައި ދައުލަތުން ހުށަހެޅުއްވި ބަޖެޓްގައިވެސް އައްޑޫ ސިޓީގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގެވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. ބަޖެޓްގައި ހުށަހަޅުއްވާފައިވާ ގޮތުން އައު އަހަރަށް ކޮންމެ އަތޮޅަކަށް ބަޖެޓްކުރައްވާފައިވަނީ މައިގަނޑު ބޮޑު 5 މަޝްރޫޢެވެ. މިގޮތުން އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2017 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓްގައި، އައްޑޫ ސިޓީއަށް ޚާއްޞަކުރައްވާފައިވާ 262 މިލިއަން ރުފިޔާގެ މަޝްރޫޢުތައް ހިމެނެއެވެ. މީގެތެރޭގައި ސްކޫލްތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، ފެނާރި ނަރުދަމާ ނިޒާމު ޤާއިމު ކުރެއްވުމާއި، ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކާއި، ބިން ހިއްކުމުގެ މަޝްރޫއުތަކާއި އަދި ފުލުހުންގެ އިދާރާ ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

މީގެތެރޭގައި މިހާރު ހިނގަމުން އަންނަ މަޝްރޫޢުތަކުގެ އިތުރަށް އަލަށް ފެއްޓެވުމަށް ބަޖެޓްގައި ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކުގެތެރޭގައި އައްޑޫ ސިޓީގެ ހިތަދޫ އުތުރާއި ދެކުނުގައި ނަރުދަމާ ނިޒާމް ޤާއިމުކުރައްވައި ނިންމެވުމާއި، ކަސްޓަމްސްގެ ސައުތު ރީޖަން ހެޑް އޮފީސް ޢިމާރާތް ކުރެއްވުމާއި، ޕޮލިސް އެކަޑަމީ ޢިމާރާތް ކުރެއްވުމުގެ މަޝްރޫޢު އަދި އައްޑޫގައި ތަރައްޤީ ކުރައްވާފައިވާ ހައުސިންގ ޔުނިޓްތަކަށް ބޭނުންވާނެ ކަރަންޓާއި، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމު ކުރެއްވުން ހިމެނެއެވެ.

މި ސަރުކާރުގެ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އައްޑޫ ސިޓީގައި އެކަނިވެސް 62 މަޝްރޫޢު ވަނީ ހިންގަވާފައެވެ. މީގެތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ރައްޔިތުންނަށް ދެއްވާ ޞިއްޙީ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުމާއި ފެންވަރު މަތިކުރެއްވުމާ ގުޅޭ 13 މަޝްރޫޢަކާއި، ތަޢުލީމީ 11 މަޝްރޫޢަކާއި، ސްޕޯޓްސް އެރީނާ ތަރައްޤީ ކުރެއްވުމުގެ 10 މަޝްރޫޢަކާއި އަދި ބަނދަރާއި ޖެޓީ ތަރައްޤީ ކުރެއްވުމުގެ 5 މަޝްރޫޢެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ތަރައްޤީ ގެންނެވުމަކީ އަމާޒެކެވެ. އެގޮތުން އަތޮޅުތެރޭގައި ހިންގަވާ މަޝްރޫޢުތަކަކީ އަތޮޅުތަކުގެ ތަރައްޤީއަށް ހިންގޭ، ރައީސް ޔާމީންގެ ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތައް ޙާޞިލު ކުރެއްވުމަށް އަމާޒުކުރައްވާފައިވާ މަޝްރޫޢުތަކެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ.