ޚަބަރު

ޕަބްލިކް ޓްރާންސްޕޯޓްގެ އެންމެ ބޮޑު ވިއުގަ ރާއްޖޭގެ ދެކުނުގައި


ރާއްޖޭގައި މިހާރު އޮތް އެންމެ ފުރިހަމަ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމް ޤާއިމްކުރެވިފައިވަނީ އައްޑޫސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ދެކުނު ސަރަޙައްދުގައެވެ. މި ސަރުކާރުގެ އިސް ނެންގެވުމާއެކު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން ދަތުރުފަތުރުގެ ވިއުގަ ފެށިތާ، އެއް އަހަރު ފުރެން ކައިރިވެފައިވާއިރު، ޚިދުމަތްތައް ފުޅާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ދެމުންދާކަން ފާހަގަކޮށްލެވެއެވެ. ހަމަމިއާއެކު އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންވެސް މި ޚިދުމަތް ވަރަށް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަންވެސް ފާހަގަކޮށްލެވެއެވެ.

ފުވައްމުލައް ސިޓީއާއި، އައްޑޫސިޓީއަކީ ބިމުގެ ގޮތުން ބޮޑު، އަދި އާބާދީވެސް ބޮޑު ދެ ސިޓީއެވެ. ރާއްޖޭގެ ނިސްބަތުން ދަތުރުފަތުރުގެ ވިއުގައަކަށް އެންމެ ބޭނުންވެފައި އޮތް އެއް ސަރަޙައްދުވެސް މެއެވެ. މީގެ ކުރީގެ ބައެއް ސަރުކާރުތަކުންވެސް ކޮންމެވެސް ސިފައެއްގައި މި ސަރަޙައްދުގެ ދަތުރުފަތުރުގެ ޚިދުމަތް ފެއްޓިތަން ފެނިގެންދިޔައެވެ. ނަމަވެސް މާބޮޑު ޕްލޭނެއް ނެތި، ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ހުއްޓާލުމުން ރައްޔިތުންނަށް މާޔޫސްކަން ލިބުނު. ބިން ބޮޑު އައްޑުއަށް ބެލިނަމަވެސް ދަތުރުފަތުރު ކުރުމަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، ރައްޔިތުން ތިބީ ޖީބަށް ލުއިވާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު، މާލެއެކޭ އެއް ފަދައިން އަތޮޅުތަކުގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ގިނަ އަދި ބޮޑެތި މަޝްރޫޢުތަކެއް ފެއްޓެވިއެވެ. ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ މަޝްރޫޢަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢެވެ.

މި މަސައްކަތް ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމް.ޕީ.އެލްއާއި ޙަވާލު ކުރައްވާ، "ސަދަން ޓްރާންސްޕޯޓް ލިންކްގެ" ނަމުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަސައްކަތްތައް ފެށިގެންދިޔައެވެ. އެންމެ ފުރަތަމަ ފަށައިގަތީ ކަނޑު ދަތުރުފަތުރުގެ ޚިދުމަތުންނެވެ. ވަރަށް އާދައިގެ ގޮތަކަށް 38 މީހުންގެ ޖާގައިގެ ލޯންޗަކާއި، 1 ދޯނި ބޭނުންކޮށްގެންނެވެ.

ނަމަވެސް ޚިދުމަތް ފެށިތާ އަހަރެއް ފުރިހަމަވުމުގެ ކުރިން، ސަރުކާރުން މިވަނީ ދެކުނުގެ ދަތުރުފަތުރުގެ ވިއުގަ ފުރިހަމަ ކުރައްވާ، މި ދެ ސިޓީގެ ރައްޔިތުން ދެކެމުންދިޔަ ހުވަފެނެއް ހަޤީޤަތަކަށް ހައްދަވާފައެވެ. އެއްގަމު ދަތުރުފަތުރަށް މުޅިން އާ 13 ބަސް ގެނެސް، މީގެ ހަތަރު މަސްކުރިން ބަސް ދަތުރުތައް ފެށިއެވެ. ކަނޑުދަތުރުތައް ކުރުމަށް 38 މީހުންގެ ޖާގައިގެ 3 ލޯންޗާއި، 36 މީހުންގެ ޖާގައިގެ ލޯންޗަކާއި، 100 ޖާގައިގެ ދެ ފެރީ ދޯނި މިހާރު އޮޕަރޭޓްކުރެއެވެ.

ރައްޔިތުން ޚިދުމަތް ބަލައިގަންނަކަން ފެނިގެންދަނީ ދަތުރުވެރިންގެ ތަފާސް ހިސާބަށް ބަލާލުމުންނެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެކަނިވެސް ދުވާލެއްގެ މައްޗަށް 600 މީހުން ބަހުގެ ޚިދުމަތް ހޯދައެވެ. މީގެ ތެރޭގައި 70 އެއްހާ ސްކޫލްކުދިންވެސް ހިމެނެއެވެ.

ކަނޑުދަތުރުފަތުރުގެ ތަފާސް ހިސާބުތައް އުޅެނީ ލަފާކުރި މިންވަރަށްވުރެ މާ މަތީގައި ކަމަށް ސަދަން ޓްރާންސްޕޯޓް ލިންކުން ބުނެއެވެ. އެގޮތުން 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް ހުޅުމީދުއާއި ފޭދުއި ދެމެދު 36،000 މީހުން ޚިދުމަތް ހޯދާފައިވެއެވެ. މި މުއްދަތުގައި ފުވައްމުލަކާ އައްޑުއާ ދެމެދު 3500 މީހުން ޚިދުމަތް ހޯދާފައިވެއެވެ.

ސަދަން ޓްރާންސްޕޯޓް ލިންކްގެ މައި ޓާމިނަލެއްގެ ގޮތުގައި ފޭދޫގައި އެންމެ ޒަމާނީ ފެންވަރުގެ ޓާމިނަލެއް ތަރައްޤީކޮށް ނިމިފައިވާއިރު، ބަސްތައް ބެހެއްޓުމަށާއި، މެއިންޓަނަސް ކުރުމަށް ފޭދޫ ބަނދަރު ސަރަޙައްދުން ބިމެއް ވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދެކުނުގެ ދަތުރުފަތުރުގެ ވިއުގައަކީ ރައްޔިތުން އިތުބާރުކުރާ ޚިދުމަތެއްގެ ގޮތުގައި ކުރިއަށްގެންދިއުން ކަމަށް އެސް.ޓީ.އެލްއިން ބުނެއެވެ.