ޚަބަރު

އައްޑޫސިޓީގެ 1،200 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުވައިދެނީ


ސަރުކާރުން އައްޑޫސިޓީގައި މިހާރު ކުރިއަށްގެންދަވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން، ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި 1،200 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުވައިދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫސިޓީ ހިތަދުއާއި، ހުޅުމީދޫގައި 312 ފްލެޓް ވަނީ ޢިމާރާތްކުރައްވާފައިވެއެވެ.

ރާއްޖޭގެ ގިނަ ހިސާބުތަކެކޭ އެއް ފަދައިން، އައްޑޫ ސިޓީގައިވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ޢާއިލާތަކުގެ އަދަދު މަދެއް ނޫނެވެ. މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އައްޑޫ ސިޓީގައި ސަރުކާރުން ޢިމާރާތް ކުރައްވަމުން ގެންދަވާ 312 ފްލެޓްގެ ޢަމަލީ މަސައްކަތް މިހާރު މިވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ހިތަދޫގައި 264 ފްލެޓް ޢިމާރާތް ކުރައްވާފައިވާއިރު، ހުޅުމީދޫގައި ސަރުކާރުންވަނީ 48 ފްލެޓް ޢިމާރާތް ކުރައްވާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން، އައްޑޫ ސިޓީގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި ގިނަ ޢާއިލާތަކަކަށް ބޯހިޔާވަހިކަން ފޯރުވައިދެއްވުމަކީ ސަރުކާރުގެ ޢަމާޒެވެ.

ހިތަދޫގައި ޢިމާރާތް ކުރައްވާ 264 ފްލެޓްވަނީ ގުޅިފައިވާ ރަށްތަކުގެ އާބާދީއަށް ބެއްލެވުމަށްފަހު ބައްސަވާލައްވާފައިވެއެވެ. ހިތަދޫ ރައްޔިތުންނަށް 150 ފްލެޓް ޚާއްޞަ ކުރައްވާފައިވާއިރު، މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް 30 ފްލެޓް އަދި ފޭދޫ ރައްޔިތުންނަށް ޚާއްޞަ ކުރައްވާފައި މިވަނީ 50 ފްލެޓެވެ. ބާކީ ހުރި 34 ފްލެޓަކީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖައްސަވާފައިވާ ފްލެޓްތަކެކެވެ. ހުޅުމީދުއަކީ ވަކިން އޮތް ރަށަކަށް ވުމާއެކު އެރަށުގައި ޢިމާރާތް ކުރެއްވި ފްލެޓްތައް ޚާއްޞަ ކުރައްވާފައިވަނީ އެރަށުގެ ރައްޔިތުންނެވެ.

އާބާދީގެ ނިސްބަތުން ފްލެޓްތައް ބައްސަވާލެއްވުމުގެ ބޭނުމަކީ އައްޑޫގެ ހުރިހާ އަވަށެއްގައިވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި މީހުންނަށް އެ ފުރުޞަތު ހުޅުވާލެއްވުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން އައްޑޫގެ 312 ޢާއިލާއެއް މި މަޝްރޫޢު ނިމޭއިރު ގެދޮރުވެރި ކުރެވޭނެ ކަމަށާއި، އެއީ 1200 އެއްހާ މީހުންގެ އާބަދީއެއް ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފްލެޓަށް އެދުމުގެ ފުރުޞަތު ހަމަވިއިރު، 585 ފަރާތަކުން ފޯމް ހުށައަޅާފައިވެއެވެ. އައްޑޫގައި ޤާއިމްކުރައްވާފައިވާ ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓުން މިހާރު ގެންދަވަނީ ފޯމުތައް ޗެކް ކުރެއްވުމަށްފަހު، މަޢުލޫމާތު ސާފުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރ މުޙައްމަދު ފައިސަލް ވިދާޅުވީ، މަޢުލޫމާތު ސާފުކޮށް ނިމުނުހާ އަވަހަކަށް، ގުރުއަތުލުން ބާއްވަވާ، ފްލެޓްތައް ލިބޭ ފަރާތްތަކަށް ފްލެޓް ޙަވާލު ކުރައްވާނެ ކަމަށެވެ.

ހިތަދޫ ފްލެޓްތަކަށް 573 ފަރާތަކުން ފޯމު ހުށައަޅާފައިވާއިރު، ހުޅުމީދޫއިން ފޯމު ހުށައަޅާފައިވަނީ 12 ފަރާތަކުންނެވެ. ގުޅިފައިވާ ރަށްތަކުން ތެރެއިން ހިތަދޫއިން އެކަނިވެސް، 448 މީހަކު ފްލެޓަށް އެދި ފޯމު ހުށައަޅާފައިވެއެވެ. ގުޅިފައިވާ ރަށްތަކުގައި ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް މިކަމުން ދޭހަވަގެންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގދ. ތިނަދުއާއި ގައްދޫ، އަދި ގއ. ވިލިނގިއްޔާއި ފުވައްމުލައް ސިޓީގައި ފްލެޓް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރައްވަމުންނެވެ. މީގެ ތެރެއިން ތިނަދޫގައި ޢިމާރާތް ކުރައްވާ 120 ފްލެޓްގެ ޢަމަލީ މަސައްކަތް ނިމި، އެރަށުގައިވެސް ވަނީ ފޯމުތައް ބަލައިގަނެ، މީހުން އާބާދު ކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށްޓަވާފައެވެ.

ދެކުނުގެ ހައުސިން މަޝްރޫޢަކީ ޗައިނާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 2.4 ބިލިއަން ރުފިޔާއެވެ. އެންމެ ފުރަތަމަ 1500 ފްލެޓް ޢިމާރާތް ކުރެއްވުމަށް ނިންމަވާފައި އޮތް ނަމަވެސް، ސަރުކާރުން ވަނީ މީގެ ތެރެއިން 704 ފެލްޓް ހުޅުމާލެއަށް ބަދަލު ކުރައްވާފައެވެ. 2014 ވަނަ އަހަރު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި މަޝްރޫޢު ނިންމަވާ، 1500 ފްލެޓްގައި މީހުން އާބާދު ކުރުވުމެވެ.