ޚަބަރު

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީގޮތުން ހުޅުވުން ފަސްކޮށްފި


ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ނިންމުމަށްފަހު، އެއަރޕޯޓް ރަސްމީގޮތުން ހުޅުވުން ފަސްކޮށްފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ގަން އެއަރޕޯޓުގެ ރަންވޭއަށް އިތުރުކުރެވުނު ބަޔަކާއެކު އެއަރޕޯޓު ރަސްމީގޮތުން ކުރިން ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ގަން އެއަރޕޯޓް ހުޅުވުން ފަސްކުރީ އެއަރޕޯޓުގައި ބަހައްޓަންޖެހޭ ބޯޑަރ ކޮންޓްރޯލް ސިސްޓަމާއި، އެހެނިހެން މުހިއްމު ވަސީލަތްތައް ފުރިހަމަކޮށް، އިންޓަރނޭޝަނަލް ޝެޑިއުލް ފްލައިޓްތަކާއެކު ހުޅުވުމަށް ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވެއެވެ. އެކުންފުނިން ވިދާޅުވީ، ކަމާބެހޭ މުވައްސަސާތަކާއި ގުޅިގެން، އެއަރޕޯޓު ވީ އެންމެ އަވަސް ފުރުޞަތެއްގައި ހުޅުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށް މިވަގުތު ކުރާ އެންމެ މުހިއްމުއެއް މަސައްކަތަކީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތެވެ. ގަން އެއަރޕޯޓުގައި ކުރިން ބޭނުން ކުރަމުން އައި 2،200 މީޓަރު ދިގު ރަންވޭއަށް މި ޕްރޮޖެކްޓުގެ ދަށުން މިހާރުވަނީ 960 މީޓަރު އިތުރުކޮށްފައެވެ. ގަން އެއަރޕޯޓުގެ ރަންވޭއަށް އިތުރުކުރެވުނު ބަޔާއެކު، ބޮއިންގް 777 މަރުކާގެ ކޯޑް އީގެ އެއަރކްރާފްޓްތަކަށް އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޑެޓުން ހާމަކުރެއެވެ. ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ގާތްގަނޑަކަށް 14 މިލިއަން ޑޮލަރު ޙަރަދުވެފައިވާ ކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. އަދި 2 ވަނަ ފިޔަވަހީގެ ދަށުން ރަންވޭގެ ކޮންސްޓްރަކްޝަން މަސައްކަތަށް 23 މިލިއަން ޑޮލަރު ޚަރަދުވެފައިވާ ކަމަށާއި، ތަނަށް ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ ޚަރަދާއެކު މުޅިމި މަޝްރޫޢަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.