ދުނިޔެ

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރާ ރެފިއުޖީން ހުއްޓުވުމަށް ޕްލޭނެއް


މެދު އިރުމައްޗާއި އެފްރިކާގެ ޤައުމުތަކުން މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ވިލާތަށް ދަތުރުކުރާ ރެފިއުޖީން ހުއްޓުވުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޖަރުމަންވިލާތުން ފަށައިފިއެވެ.

މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރުމުގެ ތެރޭގައި މަރުވާ މީހުންގެ ޢަދަދު މަދު ކުރުމަށްޓަކައި ޖަރުމަންވިލާތުން އެކުލަވާލަން މަސައްކަތް ކުރާ މިޕްލޭންގައިވާ ގޮތުން ވިލާތަށް ދަތުރުކުރާ މީހުނަށް ވިލާތުގެ ކަނޑުގެ ސަރަޙައްދު ބަލަހައްޓާ އުޅަނދުތައް މެދުވެރިކޮށް އެހީތެރިކަން ފޯރުވައިދީ އެފްރިކާ ބައެއް ޤައުމުތަކުން ޙިމާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދެވޭނެއެވެ.

މިޕްލޭންއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޖަރުމަންވިލާތުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓާ ބެހޭ ވަޒީރު ގަރޑް މުލަރ ވިދާޅުވީ މިޕްލޭން ތަންފީޒު ކުރާނީ އިނގިރޭސިވިލާތާ ފަރަންސޭސިވިލާތުގެ އެހީތެރިކަމާއެކު ކަމަށެވެ. އަދި އެފްރިކާގެ ޤައުމުތައް ކަމަށްވާ މާލީއާ، މޮރޮކޯއާ، އަލްޖީރިއާގެ އިތުރުން ތޫނިސް އަދި މިޞްރުގެ އެއްބާރުލުން ވެސް ލިބޭނެކަމަށް ޖަރުމަންވިލާތުން ބުނެއެވެ.

ޖަރުމަންވިލާތުން މިކަން ހާމަ ކޮށްފައިވަނީ މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރުމުގެ ތެރޭގައި އެތައް ބަޔަކު މަރުވަމުން ދާއިރު އެކަމަށް އެއްވެސް ޙައްލެއް ހޯދިފައި ނުވާތީ ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.