ޚަބަރު

އައްޑޫ ސިޓީ މީޑިއާ ސެންޓަރ މާދަމާ ހުޅުވާނެ


2006 ވަނަ އަހަރުން ފެށިގެން ޓެލެވިޒަން މޯލްޑިވްސް އިން ރާއްޖޭގެ ވިހި އަތޮޅެއްގައި މީޑިއާ ސެންޓަރުތައް ޤާއިމްކޮށް ރަށްރަށުގައި ހިނގާ ކަންކަމުގެ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ޚިދުމަތްދޭން ފެށިއެވެ.

ނަމަވެސް 2009 އާއި 2010 އަދި 2011  މިތިން އަހަރުގެ ތެރޭގައި އެކި ސަބަބުތަކާ ހެދި، އެކި އަހަރުމަތިން، އެޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އަދި ޓީ.ވީ.އެމްގެ ބިއުރޯތައް ޤާއިމްކުރުމުގެ ކުރިން ރާއްޖޭގެ 7 ސަރަހައްދެއްގައި ހިންގަމުންދިޔަ ދިވެހިރާއްޖޭގެ އަޑުގެ މީޑިއާ ޕްރޮޑަކްޝަން ސެންޓަރުތައްވެސް ވަނީ، މެދުކެނޑިފައެވެ. އެއާއެކު ކުރިން އަތޮޅުތަކުގައި ތިބި ރޭޑިއޯ ޖާނަލިސްޓުންގެ ޚިދުމަތްތައްވެސް މެދުކެނޑިގެން ދިޔައެވެ.

ބިއުރޯތަކާއި، މީޑިއާ ސެންޓަރުތަކުގެ މިޚިދުމަތް މެދުކެނޑިގެން ދިޔަ މުއްދަތުގެ ތެރޭގައި، އަތޮޅުތަކުގެ ރައްޔިތުންގެ ހަރަކާތްތަކާއި، ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ ތަރައްގީގެ މަސައްކަތްތަކުގެ މައުލޫމާތާއި، މަންޒަރުތައް އާންމުކޮށް ފެތުރޭލެއް މަދުކަމުގެ ޝަކުވާތައް އަތޮޅުތަކުގެ ރައްޔިތުން އައީ ކުރަމުންނެވެ. އެކަންކަމުގެ ތެދު ދޮގު ދެނެގަތުމާއި، ރައްޔިތުންގެ ކުރިއެރުމުގެ ރޫހު އިތުރު ނުކުރެވޭ ކަމުގެ ކަންބޮޑުވުންތައްވެސް ރައްޔިތުން ފާހަގަކުރަމުން ގެންދިޔައެވެ.

2015 ވަނަ އަހަރު ސަރުކާރުން ޕަބްލިކް ސަރވިސް މީޑިއާ އުފައްދަވައި ހަރަކާތްތައް ފުޅާކުރައްވަން ފެށުމާއެކު، އަތޮޅުތަކުގައި ކުރިއަށްދާ މަސައްކަތްތައް ކަވަރކުރުމަށް، އެތަންތަނަށް ޓީމްތައް ފޮނުވައިގެން ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދިނުންވަނީ އިތުރުކުރެވިފައެވެ. މިހާރު ރޭވިފައި މިވަނީ، ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މީޑިއާ ސެންޓަރުތައް ޤާއިމުކޮށް، ހުރިހާ އަތޮޅެއްގައި ޕީ.އެސް.އެމް ނިއުސްގެ ޖާނަލިސްޓުން އަނެއްކާވެސް ބޭތިއްބުމަށެވެ. ޕީ.އެސް.އެމުން އަންނަ އަހަރު ކުރީކޮޅު ފަށަން ތައްޔާރުވަމުންދާ ނިއުސް ޗެނަލް ފެށުމުންވެސް ރަށްރަށުން ނިއުސް ކަވަރޭޖް ގެނެސްދިނުން ވަރަށް ބާރަށް ފުޅާވެގެންދާނެއެވެ. މިއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކެއްގައި ހިނގާ މުހިއްމު ހުރިހާ ކަންކަމެއް ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދިނުމުގެ ފުރުސަތު ފަހިކުރުމަކީ ކުންފުނީގެ އަމާޒެވެ.

img:http://s1.psmnews.mv/images/660x400/14790522306857.jpg|ފުވައްމުލަކުގައި ކުރިން ހުރި ޓީވީއެމް ބިއުރޯ / ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީގެ އިތުރުން ކައިރި މުސްތަގުބަލެއްގައި އެހެން ބައެއް އަތޮޅުތަކުގައިވެސް މީޑިއާ ސެންޓަރުތައް ހުޅުވުމަށް ޕީ.އެސް.އެމުން މިހާރުވަނީ ނިންމާފައެވެ. މިގޮތުން 2018 ވަނަ އަހަރުގެ މެދެއްހާތަކުގައި މުޅި ޖުމްލަ 10 އަތޮޅެއްގައި މީޑިއާ ސެންޓަރުތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިޚިދުމަތް ހުރިހާ އަތޮޅެއްގައި ވެސް ފައްޓަވާނެއެވެ. އަތޮޅުތަކުގެ މީޑިއާ ސެންޓަރުތައް އަލުން ފަށައިގަންނަން ކަނޑައެޅިފައިވާކަން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލު އިއުލާންކުރެއްވީ، މިއަހަރުގެ ކުރީކޮޅުއެވެ. މިއާއެކު އަލަށް ހުޅުވާ މީޑިއާ ސެންޓަރުތައް މެދުވެރިކޮށް، އަތޮޅުތަކުގެ ޚަބަރާއި، ރިޕޯޓްތަކުގެ އިތުރަށް ލައިވް ނިއުސްއާއި ޓީވީ، އަދި ރޭޑިއޯ ޕްރޮގްރާމްތައްވެސް ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.  

އައްޑޫ ސިޓީގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދާވާއިރު މާދަމާ އައްޑޫ މީޑިއާ ސެންޓަރު ހުޅުވުމާއެކު، އެސިޓީންވެސް ޚަބަރާއި، ޕްރޮގްރާމްތައް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.