ތަރައްްޤީ

ދިއްދޫ ޤުރްއާން މުބާރާތް މިއަދު ފަށައިފި


ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު 100ހާސް ރުފިޔާ ހުށައަޅުއްވާފައިވާ ތިންވަނަ ޤުރުއާން މުބާރާތް ހއ.ދިއްދޫގައި މިއަދު ފަށައިފިއެވެ. 

މި މުބާރާތުގައި އުމުރުން ހަ އަހަރާއި އެކާވީސް އަހަރާއި ދެމެދުގެ އުމުރު ފުރާއިން 188 ދަރިވަރުން ބައިވެރިވެފައިވެއެވެ. ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔަވާ ގޮތަށް ދެ ބަޔަށްކަށް ބަހާލައިގެން ކުރިޔަށް ގެންދާ  މި މުބާރާތުގެ އެއްވަނައަށް ހޮވޭ ދަރިވަރަކަށް އިނާމެއްގެ ގޮތުގައި  ސަތޭކަ ހާސްރުފިޔާ  ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު  ހުށައަޅުއްވާފައިވެއެވެ. 

މިފަހަރުގެ މުބާރާތުގައި މުޅި މުބާރާތުން އެންމެ މޮޅު ފިރިހެން އަދި އަންހެން ފަސްދަރިވަރުން ހޮވާ އެކުދިންނަށްވެސް ވަރަށް ޚާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވެއެވެ. 

މީގެއިތުރުން ހއ އަތޮޅު މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންގެ ތެރެއިން ބާރަ ދަރިވަރަކު މި މުބާރާތުގައި ވާދަކުރާކަމަށް އަބްދުލްލަތީފް މުހައްމަދު ވިދާޅުވިއެވެ.  އަތޮޅު ތެރެއިން ވާދަކުރާ ދަރިވަރުންގެ ތެރެއިން އެއްވަނަ ދަރިވަރަކަށް ފަނަރަހާސް ރުފިޔާ، ދެވަނަ ދަރިވަރަކަށް ދިހަހާސް ރުފިޔާ އަދި ތިންވަނަ ދަރިވަރަކަށް ފަސްހާސް ރުފިޔާ އިނާމެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އަތޮޅު ތެރެއިން މުބާރާތުގައި ވާދަކުރާ ބާރަ ދަރިވަރުންގެ ދަތުރާއި ކެއުމާއި ތިބުމުގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސަވާދެއްވާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދެވެ. 

މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރީ އިބްރާހިމް ޝިފާއުއާއި،އަލްޤާރީ އަބްދުލް މަޖީދު އިސްމާއީލާއި އަދި އަލްޤާރީ އަހުމަދު ހާޝިމެވެ. 

މި މުބާރާތުގެ ޝަރަފުވެރި މެހެމާނަކީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސައުދު ﷲ އެވެ.