އެފްއޭއެމް އެވޯޑްސް 2026ގައި ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުކަމުގައިވާ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓުވި ފަސް ކުޅުންތެރިން އިއުލާނުކޮށްފިއެވެ.
އެފްއޭއެމް އިން އިއުލާނުކުރި ނޮމިނޭޝަންގައި ހިމެނެނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަލީ ފާސިރު (ސެންޓޭ)، އާއި ވިކްޓްރީއަށް ކުޅޭ ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އަޙްމަދު އައިހަމް (ފަތޯ) އާއި ހަމަ އެ ޓީމުގެ އިބްރާޙީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ އިތުރުން ނިއުރޭޑިއަންޓުގެ މުޙައްމަދު ނާއިމްއެވެ.
މީގެތެރެއިން އަލީ ފާސިރު ވަނީ މިދިޔަ ސީޒަނުގައި ނިއުގެ ޖާޒީގައި 19 މެޗު ކުޅެދީ، 19 ލަނޑު ޖަހައިދީފައެވެ. އަދި ޤައުމީ ޖާޒީގައި ފާއިތުވީ ސީޒަނުގައި އޭނާ ވަނީ ފަސް މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ.
ނޮމިނޭޝަނުގައި ދެން ހިމެނޭ ހަމްޒާ މުޙައްމަދު ވަނީ ފާއިތުވީ ސީޒަންގައި މާޒިޔާއަށް ކުޅެދިން 15 މެޗުން 11 ލަނޑު ޖަހައިދީފައެވެ.
ލިސްޓުގައި ދެން ހިމެނޭ އައިހަމް ވަނީ ފާއިތުވީ ސީޒަނުގައި މާޒިޔާގެ ޖާޒީގައި 17 މެޗު ކުޅެ، އަށް ލަނޑު ޖަހައިދީފައެވެ. ޤައުމީ ޖާޒީގައި ވެސް އޭނާ މެޗުތަކެއް ކުޅެފައިވެއެވެ.
މީގެއިތުރުން ދެން ލިސްޓުގައި ހިމެނޭ އިބްރާޙީމް މަހުދީ ހުސެއިން މިދިޔަ ސީޒަނުގައި ކުޅުނީ ކުލަބު އީގަލްސްއަށެވެ. އެ ޓީމާއެކު އޭނާ ކުޅުނު 17 މެޗުން، 12 ލަނޑު އޭނާ ޖަހާފައިވެއެވެ.
ލިސްޓުގައި ދެން ހިމެނެނީ މި ސީޒަނުގައި ނިއުއާ ގުޅުނު، މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކުލަބުން ފެނިގެންދިޔަ މުޙައްމަދު ނާއިމްއެވެ. މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ނާއިމް ވަނީ ބުރާއެކު 18 މެޗު ކުޅެ، 12 ލަނޑު ޖަހާފައެވެ.
އެފްއޭއެމް އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާ ވެސް ހޮވާނެއެވެ. އެވޯޑް ނައިޓު އޮންނާނީ ބުރާސްފަތި ދުވަހުގެރެއެވެ.