ޚަބަރު

އެންމެ މޮޅު ކޯޗަށް ނޮމިނޭޓުވި ދިވެހި ކޯޗަކަށް ސުޒެއިން


  • މާޒިޔާގެ ލުއިސްމާ އަދި އޮޑީގެ ގާސިއާ ނޮމިނޭޓުވެފައިވޭ

  • އެވޯޑް ނައިޓު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ

މެދުކެނޑުމަކަށްފަހު ބާއްވާ ދިވެހި ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހަފްލާގައި ހޮވާ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ނޮމިނޭޓުވި ހަމައެކަނި ދިވެހި ކޯޗަކަށް، ފާއިތުވީ ސީޒަނުގެ ބޮޑު ބައެއްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗުކަން ކޮށްދިން އަލީ ސުޒެއިން ވެއްޖެއެވެ.

އެފްއޭއެމް އެވޯޑްސްގެ ނަމުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ މި އެވޯޑު ހަފްލާގައި ފާއިތުވީ ސީޒަނުގެ އެންމެ މޮޅު ކޯޗަށް، ސުޒެއިންގެ އިތުރުން ދެން ނޮމިނޭޓުވީ މިދިޔަ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗެއްގެ ގޮތުގައި ހުރި ލުއިސްމާ ހެނާންޑޭޒްއާއި އޮޑި ސްޕޯޓްސް ކުލަބަށް ކޯޗުކަން ކޮށްދިން ސްޕެއިންގެ ތަޖުރިބާކާރު ކޯޗު އަންދްރޭސް ގާސިއާ އެވެ.

ސަސްޕެންޝަނުން އަރައިގަނެ ދިވެހި ފުޓުބޯޅައިގައި ނިއުގެ ހަގީގީ މަގާމަށް ވާސިލުވުމުގެ މަގުސަދުގައި ފުރަތަމަ ޑިވިޝަނުގައި ނިއުއިން އަލުން މަސައްކަތް ފެށީ ކޯޗު ސުޒެއިންގެ އިރުޝާދުގެ ދަށުންނެވެ. ސުޒެއިންގެ އިރުޝާދުގެ ދަށުން ނިއުއަށް ތަށްޓެއް އުފުލާ ނުލެވުނު ނަމަވެސް، ސުޒެއިން ވަނީ އެކުލަބާއެކު ދިވެހި ލީގުގެ ތިންވަނަ ހޯދާފައެވެ.

މޮޅު ކޯޗަށް ދެން ނޮމިނޭޓުވި މާޒިޔާގެ ކުރީގެ ކޯޗު ލުއިސްމާ އަކީ އެކުލަބާއެކު، މެޗަކުން ބަލިނުވެ ދިވެހި ލީގު އުފުލާލި ކޯޗެވެ. އެއީ ޖެހިޖެހިގެން މާޒިޔާއިން ކާމިޔާބުކުރި ފަސްވަނަ ލީގު ޓައިޓަލް އެވެ. މީގެއިތުރުން ލުއިސްމާގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުވެސް ކާމިޔާބުކޮށްފައެވެ.

މި އެވޯޑަށް ދެން ނޮމިނޭޓުވީ އޮޑި ސްޕޯޓްސް ކުލަބާއެކު ތާރީޚީ ކާމިޔާބީއެއް ހޯދި އަންދްރޭސް ގާސިއާއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ފުޓުބޯޅަ މުބާރާތުގެ ތަށި، ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި އުފުލާލައި އޮޑި ސްޕޯޓްސް ކުލަބުން ދިވެހި ފުޓުބޯޅައިގެ ތާރީޚުން ޖާގަ ހޯދީ އޭނާގެ އިރުޝާދުގެ ދަށުންނެވެ. މިއީ ފުޓުބޯޅައިގެ ތާރީޚުގައި ޓީމަކުން، ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ސީޒަނުގައި އަދި ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރި ފުރަތަމަ ފަހަރަށް، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

80 އަހަރުގެ ދިގު ތާރީޚެއް އޮތް މި މުބާރާތުގެ މިއަހަރުގެ އެޑިޝަންގެ ޗެމްޕިއަންކަން އޮޑިން ހޯދީ، އެހާތަނަށް މެޗަކުން ބަލިވެފައި ނުވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފައިނަލުގައި ބަލިކޮށްގެންނެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭއެމް އެވޯޑްސް ހަފްލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ. މި އެވޯޑު ހަފްލާގައި އެންމެ މޮޅު ކޯޗުގެ އިތުރުން، އެންމެ މޮޅު ކުލަބް، އެންމެ މޮޅު ރީޖަނަލް ކުލަބު އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ހިމެނޭހެން 12 އެވޯޑެއް ދޭނެއެވެ.