ޚަބަރު

"މުސްކުޅި ސާރިދޯޅެއްގެ ދުވެލި ބަލައިގަނެވޭކަށް ނެތް"


ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގައި "މުސްކުޅި ސާރިދޯޅެއްގެ ދުވެލި" ބަލައިގަނެވެން ނެތްކަމަށާ، ތަރައްޤީގެ މަސައްކަތްތަކުގައި ބޭނުންވަނީ ހަލުވި ފުއްލާއެއްގެ ދުވެލި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"އަސްލު ރ.ދުވާފަރު ބޮޑު ޖަލްސާ"ގެ ނަމުގައި ރ.ދުވާފަރުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިސަރުކާރުގެ ރިޔާސީ މެނިފެސްޓޯ ޢިއުލާން ކުރެއްވި ދުވަސްވަރު ވަރަށްގިނަ ބޭފުޅުން އެއަށް ފާޑުވިދާޅުވިކަމަށާ، އޭގައި ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތައް ޙާސިލް ނުވާނެކަމަށް ވިދާޅުވެ ފާޑުވިދާޅުވިކަމަށެވެ.

އެހެންނަމަވެސް މިސަރުކާރުގެ ވެރިކަމުގެ ދެއަހަރާއިބައި ފާއިތުވެގެންދިޔައިރު، މެނިފެސްޓޯގެ އަމާޒަށް ވާސިލްވެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރުގެ ވެރިކަމުގައި ރާއްޖެއަށް އައި ތަރައްޤީއާއި ކުރިއެރުން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ދައުލަތުގެ ބަޖެޓުން ޖާގަހޯދަން އެކިދާއިރާތަކުގެ މެމްބަރުންނާއި، ޢާއްމު ރައްޔިތުން ބޭނުންވަނީ، ރަށްރަށުގެ ސްކޫލުތަކުގައި އާދައިގެ ކްލާސް ރޫމެއް އަޅަން ނޫންކަމަށާ، ބަޖެޓުން ޖާގަ ހޯދަން މިހާރު ބޭނުންވަނީ ބޮޑެތި އެއާޕޯޓުތަކާއި، ބަނދަރުތަކާއި، ރަށްރަށުގެ ފެނާއި ނަރުދަމާފަދަ ބިޔަ މަޝްރޫޢުތަކަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ މިސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ގެންނެވި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ވިސްނުމާއި އުންމީދުތަކަށް އައި ބަދަލުކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ކޮންމެރަށެއްގައިވެސް އެވްރެޖުކޮށް އެއް މަޝްރޫޢަށްވުރެ ގިނަ މަޝްރޫޢު މިހާރުވެސްދަނީ ހިނގަމުންކަމަށާ، މިއީ ވޭތުވެދިޔަ ތިން އަހަރެއްޙާދުވަހު ރާއްޖޭގެ ތަރައްޤީގެ ދުވެލި އޮތްގޮތްކަމަށެވެ. ކުރިން ޖުމުލަ 7 އަހަރުދުވަހުން ހިއްކާ ބޮޑެތި ބިންތައް މިސަރުކާރުން މިދަނީ 7 ހަފްތާއިން ހިއްކައި، އެތަންތަނުގައި މީހުން އާބާދުކޮށް ތަރައްޤީކުރަމުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްޤީގެގޮތުން ރާއްޖެއަށް މިއަންނަނީފިނިފެންމަލުގެ އިންޤިލާބެއްކަމަށެވެ.

ވެރިކަންކުރަ ޕީޕީއެމްއަށް ފަސް އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދުވަފަރުގައި ބޭއްވި މިޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ވައްޓަފާޅި ބަދަލުކޮށްލި ޕާޓީކަމަށެވެ.

އެގޮތުން ސިޔާސީ ޙަރަކާތަކީ، މުލައްދަނޑީގެ ބާރުދެއްކުމާއި، ޢާއްމުންނަށް އުނދަގޫވާގޮތަށް މަގުތަކަށް ނުކުރުމާއި، ދުއްވާތަކެއްޗަށް ދަތިކުރުން ނޫންކަން ޕީޕީއެމްއިން ދައްކުވައިދީފައިވާކަމަށެވެ.

މިސަރުކާރުން ގެންނަމުންދާ ތަރައްޤީގެ ނަތީޖާއިންނާއި، ފަހަކަށް އައިސް ޕީޕީއެމްއިން ބާއްވަމުންދާ ޢާއްމު ޖަލްސާތަކަށް ޙާޒިރުވާ ޢާއްމުރައްޔިތުންގެ އެތައްހާސް ބައެއްގެ ޙާޒިރީން ދައްކުވައިދެނީ ޕީޕީއެމްއަކީ ރައްޔިތުންނާ ގުޅި ލާމެހިފައިވާ ޕާޓީއެއްކަންކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.