ވިޔަފާރި

"ޗަމީރޭ" ބްރޭންޑުގެ އުފެއްދުންތައް މާލެއަށް


ނައިފަރަކީ ލުއި ކާނާ ތައްޔާރުކުރުމުގައި ނަން މަޝްހޫރު ރަށެކެވެ. އެރަށުގައި ތައްޔާރުކުރާ ލުއި ކާނާއަށް މާކެޓު ހޯދައިދީ އެކަމުން ރަނގަޅު ނަފާއެއް ހޯދައިދިނުމަށްޓަކައި އުފައްދާފައިވާ ނައިފަރު ކޯޕަރޭޓިވް ސޮސައިޓީއަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗުރަލް ޑިވެލޮޕްމަންޓު، އިފާޑުއާއި ގުޅިގެން ރާއްޖޭގައި ހިންގާ ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން ހިންގާ ކޯޕަރޭޓިވް ސޮސައިޓީއެކެވެ.

ނައިފަރު ކޯރޕަރޭޓިވް ސޮސައިޓީގައި ރަޖިސްޓްރީވެފައިވާ އާއްމު މެމްބަރުންގެ އަދަދު ސަތޭކަ ސާދައަށް ވަނީ އަރާފައެވެ. އެ ކޯޕަރޭޓިވުން އަންނަނީ ފަންސަވީހަށްވުރެ ގިނަ ބާވަތުގެ ތަކެތި އުފައްދަމުންނެވެ. އޭގެތެރޭގައި ކުދި ބަޖިޔާ، އަތުޖެހި، ކުޅިކާޖާ، ކުޅި ރޮށި، ފޮނި ރޮށި، މަސްމިރުސް ތެލުލި ފަތް އަދި ސަމްބަލް ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14790352923202.jpg|ޗަމީރޭ ބްރޭންޑުގެ އުފެއްދުންތަކެއް / ފޮޓޯ: ނައިފަރު ކޯޕަރޭޓިވް ސޮސައިޓީ

ފެންވަރު ރަގަޅު ޕެކޭޖިންގއެއްގައި ބާޒަރަށް ނެރޭ، ޗަމީރޭގެ އުފެއްދުންތަކަށް މާކެޓު ހޯދުމުގެ މަސައްކަތް ނައިފަރު ކޯޕަރޭޓިވް ސޮސައިޓީން އަންނަނީ ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލެ ސަރަހައްދުތަކަށް ޗަމީރޭ އުފެއްދުންތައް ނެރުމަށްޓަކައި، މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ މެނޭޖަރ މުޙައްމަދު އައިމަން އަޙްމަދު ވިދާޅުވިއެވެ.

ރަށުގައި ތިބެގެން އާމްދަނީ ލިބުމުގެ މަގު މިކަމުގެ ސަބަބުން ފަހިވެގެންދާ އިރު، މިއީ ރަށަށްވެސް ރީތި ނަމެއް ލިބިގެންދާނެ ކަމެއްކަން ނައިފަރު ކޯރޕަރޭޓިވް ސޮސައިޓީން ފާހަގަކުރެއެވެ.