މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2- މާލެ ސިޓީގެ އޮޑިޝަންތައް ފަށައިފި


މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ މާލޭ ސިޓީގެ އޮޑިޝަންތައް މިއަދު ފަށައިފިއެވެ. 

މާލޭ ސިޓީގެ އޮޑިޝަންތައް ކުރިއަށްދާނީ ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުގައެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު އުމުރުން 16 އަހަރާއި، 30 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް ވަނީ ހުޅުވާލާފައެވެ. މާލޭ ސިޓީގެ އޮޑިޝަންތައް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު ދިހައަކުން ފެށިގެން ކުރިއަށްދާނެއެވެ. އައިޑަލްގެ ފުރަތަމަ ސީޒަނެކޭ އެއްގޮތަށް އޮޑިޝަންތަކުގައި ބައިވެރިވުމަށް އެސް.އެމް.އެސް ކުރި ފަރާތްތަކުގެ އިތުރުން، އޮޑިޝަން ކުރިއަށްދާ ވަގުތު، އެ ސަރަޙައްދަށްގޮސް އޮޑިޝަންގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިފަހަރުގެ ސީޒަންގައިވެސް ވަނީ ހުޅުވާލާފައެވެ. 

img:http://s1.psmnews.mv/images/660x400/14789354880998.jpg|މޯލްޑިވިއަން އައިޑަލްގެ ސީޒަން 2ގެ މާލެ އޮޑިޝަންގައި ބައިވެރިވާ ފަރާތްތައް

މާލޭ ސިޓީގެ އޮޑިޝަންތައް މިއަދު ފަށާފައިވާއިރު، އައިޑަލް ސީޒަން ދޭއްގެ އަތޮޅުތެރޭގެ ހުރިހާ އޮޑިޝަނެއް މިހާރު ވަނީ ނިމިފައެވެ. މާލޭގެ އިތުރުން މިފަހަރުގެ އޮޑިޝަންތައް ކުރިއަށްގެންދިޔަ ސަރަޙައްދުތަކުގެ ތެރޭގައި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީ، ލ.ގަން، އަދި ބ. އޭދަފުށީގެ އިތުރުން، ހދ. ކުޅުދުއްފުށި ހިމެނެއެވެ. މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލުން ފެނިގެންދާ 3 ފަންނާނުންނަކީ، މަރިޔަމް އުނޫޝާ، އިބްރާހިމް ޒައިދު ޢަލީ އަދި އިސްމާޢިލް އައްފާންއެވެ. އައިޑަލްގެ ސީޒަން އެކަކަށްވުރެ، ސީޒަން 2 އެތައް ގޮތަކުން ފުރިހަމަ ޝޯވއަކަށް ހެދުމަށް ފްރެމެންޓަލް މީޑިއާގެ ފަންނީ އެހީތެރިކަމާއެކު، ޕީ.އެސް.އެމްގެ އައިޑަލް ޕްރޮޖެކްޓް ޓީމުން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.