ދުނިޔެ

ހަލަބުން ކާބޯތަކެތި ހުސްވެ އެތައް ހާސް ބަޔަކު ބަނޑަށްޖެހިފައި


ފިނި މޫސުން އައިސް ބޯމަތި ވެފައިވާއިރު، ސޫރިޔާގައި ހިނގަމުންދާ ދާޙީލީ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ސުންނާފަތިވެފައިވާ ހަލަބުން ކާބޯތަކެތި ހުސްވެ، އެތައް ސަތޭކަ ހާސް ބަޔަކު ބަނޑަށް ޖެހުމުގެ ބިރުބޮޑުވެއްޖެއެވެ.

އިރުމަތީ ހަލަބުގައި ހަރަކާތްތެރިވާ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މިހާރު ވަނީ އެމީހުންނަށް ލިބެންހުރި ހުރިހާ ކާއެއްޗެއް އެޝަހަރުގައި ހާލުގައި ޖެހިފައިވާ އެތައް ސަތޭކަ ހާސް ބަޔަކަށް ބަހާފައެވެ.

އ.ދ. ގެ އިންސާނިއްޔަތާ ބެހޭ މުޝީރު، އޭން އީގްލެންޑް، ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ވަރަކަށް ކާއެއްޗެއް ނުލިބި ބައެއް އާއިލާތަކުން އެތައް ހަފްތާއެއް ހޭދަކޮށްފައިވެއެވެ. އަދި އެޝަހަރުގައި ކާއެއްޗެހި ވިއްކާ އަގު ވަނީ އަތް ނުފޯރާ ފަށަށް އަރައިގެން ގޮސްފައެވެ. މީގެ އިތުރުން، ބަލިވެގެންނާ ހަނގުރާމައިގެ ސަބަބުން ޒަހަމްވެފައިވާ 300 އަށް ވުރެ ގިނަ މީހުންނަށް މިހާރުން މިހާރަށް ބޭސް ފަރުވާ ވަނީ ބެނުންވެފައެވެ.

ޖެނީވާގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އީގްލެންޑް ވިދާޅުވީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިތުރަށް ބަހާނެ އެއްވެސް ކާއެއްޗެއް ނެތް ކަމަށެވެ. އަދި އ.ދ. އިން މަސައްކަތް ކުރަމުން ދަނީ ވީހާ ވެސް އަވަހަށް އެސަރަހައްދަށް، އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު ލިބޭނެ ގޮތަށް، ކާއެއްޗެހި ފޯރުކޮށްދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ފޮނުވަން މަސައްކަތް ކުރާ އެހީގެ ތެރޭގައި، ކާއެއްޗެހީގެ އިތުރުން ޙާއްސަ އިސްކަމެއް ދީގެން ބޭހުގެ ބާވަތްތައް ވެސް ފޮނުވޭތޯ ބައްލަވާނެކަމަށް އީގްލެންޑް ވިދާޅުވިއެވެ.

އީގްލެންޑް ވިދާޅުވެފައިވާ ގޮތުގައި އ.ދ. ގެ އަމާޒަކީ ހާލުގައި ޖެހިފައިވާ މީހުންނަށް، އަންނަ ފިނި މޫސުމުގައި ލުއި ގޮތްތަކެއް ހައްދަވާ ދެއްވުމެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބަލި މީހުންނާ އަނިޔާވެފައިވާ މީހުން ނެރެ އެމީހުންނަށް ފުރިހަމަ ޞިއްހީ ފަރުވާ ފޯރުކޮށް ދެއްވުމަށް އިސްކަން ދެއްވާނެކަމަށްވެސް އީގްލެންޑް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މިދުވަސްވަރު ހަލަބަށް ރަޝިޔާއިން ދެމުންދާ ވައިގެ ހަމަލާތައް މެދުކަނޑާލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އީގްލެންޑް ވިދާޅުވިއެވެ.

ސޫރިޔާގެ އުތުރުގައި އޮންނަ ހަލަބަކީ އެޝަހަރު އޮންނަ ސަރަހައްދުގެ ގޮތުން ސޫރިޔާ ކޮންޓްރޯލް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ވެސް ވަރަށް މުހިއްމު ޝަހަރެކެވެ. އެގޮތުން އެޝަހަރުގެ ބައެއް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ބާރުގެ ދަށުގައި އޮތް އިރު އަނެއް ބައި ސަރަހައްދުތައް އޮތީ އިދިކޮޅު ހަނގުރާމަވެރިންގެ އަތް ދަށުގައެވެ.