ޚަބަރު

ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާ މިރޭ


ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ. 

ދަރުބާރުގޭގައި މިރޭ 8:30 ގައި އޮންނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. މިރޭގެ ޖަލްސާގައި ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ. 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 20 ބޭފުޅަކަށް ދެއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވާ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ 2 ބޭފުޅުންނެވެ. މީގެއިތުރުން، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ 15 ބޭފުޅުންނެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ސައިންޓިފިކް ތަޙުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަކޮށްލެވޭފަދަ އާދަޔާޚިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އައު އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ އެންމެ ބޭފުޅެކެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ޙާޞިލު ކުރައްވަނީ 2 ބޭފުޅުންނެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 22 ބޭފުޅަކަށް ދެއްވުމަށް ވަނީ ނިންމަވާފައެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 4 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ 4 ބޭފުޅުންނެވެ. 

މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު ހާސިލުކުރެއްވި ފަރާތްތަކަށާއި ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.