ޚަބަރު

"ސުލްހަ ގާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރަނީ ބިނާކުރަނިވި ދައުރެއް"


  • އެ ބައްދަލުކުރެއްވުން އޮތީ އިއްޔެ ޕާކިސްތާނުގެ ރާވަލްޕިންޑީގަ

  • ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުގެ ދައުރު މުހިންމު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުުއްރަޙީމް ޢަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް، ސައިދު އާސިމް މުނީރާއި ބައްދަލުކުރައްވއިފިއެވެ. ބައްދަލުކުރެއްވުން އޮތީ އިއްޔެ ޕާކިސްތާނުގެ ރާވަލްޕިންޑީގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، އޭގެ ތެރޭގައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުުއްރަޙީމް ޢަބްދުﷲ ވަނީ ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުން އަދާކުރާ ބިނާކުރަނިވި ދައުރު ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ފުންކޮށް، ދެ ފަރާތުން ޝައުގުވެރިވާ ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމަށް ބޭނުންފުޅުވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ފީލްޑް މާޝަލް، ސައިދު އާސިމް މުނީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއެކު އޮންނަ އަޚުވަންތަ ގުޅުމަށް ޕާކިސްތާނުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.