ކެއަރ ސޮސައިޓީގެ އަށާރަވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ކެއަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ނައުޝާން މުހައިމިން ވިދާޅުވީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އުފައްދާފައިވާ މި ޖަމިއްޔާއިން އެ ކުދިންނަށް ބޭނުންވާ ހިތްހަމަޖެހޭ ވެއްޓެއް ގާއިމު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދު މި ފާހަގަކުރަމުންދާ އަށާރަވަނަ އަހަރު އެކުދިންނަށްޓަކައި އެޖަމިއްޔާއިން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ނައުޝާން ވިދާޅުވިއެވެ.
ކެއަރ ސޮސައިޓީގެ ބެލުމުގެ ދަށުން ކުރިއަށްދާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގައި ނަވާރަ ކުއްޖަކު ކިޔަވަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ. ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަކީ ޖިސްމާނީ އަދި ނަފްސާނީގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިން، މުޖުތަމައުގައި ބޭނުންތެރިބަޔަކަށް ހެދުމުގެ މުހިއްމު މަޤްސަދުގައި ކުރިއަށްގެންދާ ސެންޓަރެކެވެ.