ޚަބަރު

5 އަހަރަށްފަހު ރާއްޖެއާއި ޗައިނާ ކުޅޭ ފުރަތަމަ މެޗު މިއަދު ހަވީރު


  • އެންމެފަހުން ރާއްޖެއާއި ޗައިނާ ކުޅުނީ 2021ވަނަ އަހަރު

  • ޗައިނާ އަތުން ރާއްޖެއަށް މޮޅެއް ހޯދިފައިނުވޭ

ފަސް އަހަރުތެރޭ ދިވެހިރާއްޖެއިން، ބައިނަލްއަޤްވާމީ ފުޓުބޯޅައިގައި ފުރަތަމަ ފަހަރަށް މިއަދު ޗައިނާއާ ދެކޮޅަށް ނުކުންނާނެއެވެ.

މިއީ މިފެށުނު ފުޓުބޯޅައިގެ ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖެއިން ކުޅޭ އެކުވެރިކަމުގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. ޗައިނާގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު، 04:35ގައެވެ. މި މެޗު ޕީއެސްއެމްގެ "ޔެސް ޓީވީ" އިން ލައިވްކުރާނެއެވެ.

ފީފާ ރޭންކިންގައި ޗައިނާ އޮތީ 91 ވަނައިގައެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ 13ވަނައެވެ.

މީގެކުރިން ރާއްޖެއާއި ޗައިނާއާ ކުޅެފައިވާ މެޗުތަކަށް ބަލާލާއިރު، ހަ މެޗެއް މިހާތަނަށް ވަނީ ކުޅެފައެވެ. މިއިން އެއްވެސް މެޗަކުން ރާއްޖެ މޮޅުވެފައި ނުވާއިރު އެންމެފަހުން ޗައިނާއާއި ރާއްޖެ ކުޅުނީ 2021 ވަނަ އަހަރު، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން / ވޯލްޑް ކަޕް ކޮލިފައިންގައެވެ. ކޮވިޑް 19ގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ސަލާމަތީ ސަބަބުތަކަށްޓަކައި އެމެޗު ކުޅުނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައެވެ. އެ މެޗުން ރާއްޖެ ބަލިވީ 0-5 ގެ ނަތީޖާއަކުންނެވެ.

ޗައިނާ އަތުން އެންމެ ފަރަގު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވީ އެ ގައުމާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައެވެ. 2001 ވަނަ އަހަރުގެ އޭޕްރިލް 22 ވަނަ ދުވަހު ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 1-10 ގެ ނަތީޖާއަކުންނެވެ. އެހެންނަމަވެސް އޭގެ ހަ ދުވަސް ފަހުން އޭޕްރީލް 28 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅެ ރާއްޖެ ޗައިނާ އަތުން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މިއީ ޗައިނާ އަތުން އެންމެ ކުޑަ ފަރަގަކުން ރާއްޖެ ބަލިވި ފަހަރެވެ.

ޗައިނާގެ އިތުރުން، ކުރިއަށް އޮތް ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖެއިން ކިރިގިސްތާނާއި ލުބުނާނާ ދެކޮޅަށް ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ކިރިގިސްތާނާ ދެކޮޅަށް ކުޅޭ މެޗު ތާވަލުކޮށްފައި ވަނީ މިމަހުގެ 28ވަނަ ދުވަހަށެވެ. ކިރިކިސްތާނަކީ ފީފާ ރޭންކިންއަށް ބަލާއިރު 106ވަނައިގައި އޮތް ގައުމެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ރޭންކިންގެ 19 ވަނައެވެ.

މި ބްރޭކުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި ލުބުނާނާ ދެކޮޅަށް ނުކުންނާނީ އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ރޭންކިންއަށް ބަލާއިރު ލުބުނާން އޮތީ 107ވަނައިގައެވެ. އޭޝިއާ ސަރަހައްދުގެ ރޭންކިންގައި ލުބުނާނަކީ 20ވަނައެވެ.

ރާއްޖެއިން މި ބްރޭކުގެ ބޭނުން މިހިފަނީ ވާދަވެރި، ރާއްޖެއަށްވުރެ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ކުޅެ، މުހިންމު ތަޖުރިބާތަކެއް ހޯދުމަށެވެ.

ޙާއްސަ ގޮތެއްގައި، ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް، ބައިނަލްއަގްވާމީ ތަޖުރިބާ ހޯދުމުގައި މި ބްރޭކުގައި ކުޅޭ ތިން މެޗަކީ މުހިންމު ހިއްސާއެއް އަދާކުރާނެ ތިން މެޗަށް ވެގެންދާނެއެވެ.