ޚަބަރު

ވިމެންސް ޗެމްޕިއަންސް ލީގުގައި ޕެރިސްގެ މައްޗަށް ބާސާ ކުރި ހޯދައިފި


  • ބާސާ މިމެޗު ކާމިޔާބު ކޮށްފައިވަނީ 5 ލަނޑު 2 ލަނޑުން

ޔުއޭފާ ވިމެންސް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ފެމިނީ އާއި ޕެރިސް އެފްސީ ބައްދަލުކުރި މެޗު ބާސާއިން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.

ބާސާގެ އެސްޓާޑިއޯ ޔޯހަން ކްރައިފްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ 5 ލަނޑު 2 ލަނޑުންނެވެ. ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގެ ފެށުން ރަނގަޅުވީ ޕެރިސްގެއެވެ. މިގޮތުން ޕެރިހުން ވަނީ މެޗުގެ 5 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގުމުގެ އިތުރުން ބާސާއަށް ސިހުން ގެނުވާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެވެލީން ވިއެންސްއެވެ. ނަމަވެސް ޕެރިސް އަށް މިލީޑު މާގިނައިރު ހިފެހެއްޓޭގޮތެއް ނުވިއެވެ. މިގޮތުން މެޗުގެ 18 ވަަނަ މިނެޓުގައި ބާސާގެ ކެރޮލިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މިމެޗުގައި ބާސާއިން ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 28 ވަނަ މިނެޓުގައި ކްލާރާ ސެރަހޯދީ ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. މިލަނޑު ޖެހިތާ 7 މިނެޓް ފަހުން އެވާ ޕަހޯ ޖަހައިދިން ލަނޑުން ބާސާއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. އަދި ފުރަތަމަ ހާފު ނިމެއް 2 މިނެޓަށް ވެފައިވަނިކޮށް ކެރޮލީން ގްރަހަމް ހެންސެން ބާސާގެ 4 ވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ. މިމެޗުގައި ބާސާގެ ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ތިން ވަނަ ލަނޑުވެސް ޖަހައިދިން ޕަހޯއެވެ. މިލަނޑާއެކު ޕަހޯ މިހާރުވަނީ ވިމެންސް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު އަދި މިހާރު ކުޅޭ ލީގު ފޭސްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލާފައެވެ. އެއީ ސޭމް ކާ އާއެކު 17 ލަނޑު ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި ޕެރިސް ޓީމުން ޖެހި ދެވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކްލާރާ މެޓިއޯއެވެ.

މިމުބާރާުގައި އޯއެޗް ލެއުވެން އާއި ރޯމާ ބައްދަލުކުރި މެޗު ލެއުވެންގެ ދަނޑުގައި ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މިމެޗު ނިމެން ކައިރިވެފައިވަނިކޮށް ރޯމާއަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް ބަދަލު ކުޅުންތެރިޔާ މާޓާ ޕަންޑީނީ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ. ޔުއޭފާއިން ވިމެންސް ޗެމްޕިއަންސް ލީގަށް ލީގު ފޭސް ތައާރަފް ކުރި ފަހުން މިފޭސްގައި މިހާތަނަށް ލަނޑެއް ނުޖެހި އެއްވަރު ވެފައިވަނީ ދެމެޗެވެ. އަދި މިދެމެޗުގައިވެސް އެއްކޮޅުން ލެއުވެން ކުޅެފައިވާކަން ފާހަގަ ކޮށްލެވެއެވެ.