ދީން

މުދަލުގެ ޒަކާތުގެ ގޮތުގައި ބޮލަކަށް 900 ރުފިޔާ


މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 900 ރުފިޔާ ބެހުމަށް ނިންމާ، މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެ ފައިސާ ދޫކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މުދަލުޒަކާތުން ފައިސާ ދޭ ފަޤީރުންގެ ލިސްޓުގައި ބާރަހާސް ތިންސަތޭކަ ތިރީސްފަސް މީހުން ވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިފައިސާ މާލޭގައި ދޫކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ އެކާވީހުން ފެށިގެން ސައުވީހުގެ ނިޔަލަށް ރަސްމީ ގަޑީގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުންކަމަށެވެ. އަދި ފައިސާ ބަލާ އަންނައިރު އައިޑީކާޑާއި މިނިސްޓްރީން ދޫކުރާ ކާޑު ގެންނަންޖެހޭނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. އަތޮޅުތެރޭގައި ފައިސާ ދޫކުރާނީ ކައުންސިލް އިދާރާތަކުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މުދަލު ޒަކާތަށް އެދި މުޅި ރާއްޖޭއިން ބާރަހާސް ތިންސަތޭކަ ތިރީސްފަސް މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން މާލޭ ސަރަޙައްދުގެ ލިސްޓުގައި ދެހާސް ތިންސަތޭކަ ނުވަދިހަ ނުވަ ފަޤީރުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އަތޮޅުތަކުގެ ލިސްޓުގައި ނުވަހާސް ނުވަސަތޭކަތިރީސްހަ ފަޤީރުން ހިމެނެއެވެ.

ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަކީ ރަޖިސްޓްރީވާން ހުޅުވައިލި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެދުނު ފަރާތްތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ބަލާ އުޞޫލުތަކަށްފެތޭ ފަރާތްތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ ލިސްޓެކެވެ.