ޚަބަރު

ޝަރަފުވެރިކަމުގެ އިނާމު 4 ބޭފުޅަކަށް ދެއްވުމަށް ކަނޑައަޅުއްވައިފި


މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 4 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 22 ބޭފުޅަކަށް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކަނޑައަޅުއްވައިފިއެވެ. 

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ 4 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ 4 ބޭފުޅުންނެވެ. މިބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ބުރާސްފަތި ދުވަހުގެރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮއްވެވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ކުރެއްވި މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބައްލަވާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ ކަންތައްތަކުގެ މައްޗަށެވެ. މިއިނާމަށް ބޭފުޅުން ހޮއްވެވިއިރު، ކޮމިޓީން ބައްދަލުކުރައްވައި މަޢުލޫމާތު ހޯއްދަވާފައިވަނީ، ފޯމު ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން ކަނޑައެޅުއްވި މިންގަނޑުތަކެއްގެ ދަށުން ޕޮއިންޓް ދެއްވުމަށްފަހު، އެ ދާއިރާއަކުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީއަށް ފެނިވަޑައިގެންނެވި ބޭފުޅުންނާއެވެ. މީގެއިތުރުން، އިނާމަށް ނަން ހުށަހެޅުނު ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އެކި ބޭފުޅުންނާ ކޮމިޓީން ވަކިވަކިން ބައްދަލުކުރައްވައި، އެފަރާތްތަކުގެ މަޝްވަރާއާއި ލަފާ ހޯއްދަވާފައިވެއެވެ.

ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު 20 ބޭފުޅަކަށް ދެއްވުމަށްވެސް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ. މިގޮތުން، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ޙާޞިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ 2 ބޭފުޅުންނެވެ. މީގެއިތުރުން، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދަވަނީ 15 ބޭފުޅުންނެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، ސައިންޓިފިކް ތަޙުލީލެއް ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަކޮށްލެވޭފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އައު އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލު ކުރައްވަނީ އެންމެ ބޭފުޅެކެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ޙާޞިލު ކުރައްވަނީ 2 ބޭފުޅުންނެވެ.

ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވަނީ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލު ކުރެއްވި 6 ބޭފުޅަކަށާއި، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މިއަހަރު ބޭއްވުނު މަތީޘާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ޙާޞިލުކުރި ދަރިވަރުންނަށެވެ.