ޚަބަރު

ސިނގިރޭޓުގެ އަގު އަނެއްކާވެސް ބޮޑުކުރަނީ


ސިނގިރޭޓާއި ފިޒީ އަދި އެނަރޖީ ބުއިންތަކުން ޑިއުޓީ ބޮޑުކުރަން އަންނަ އަހަރަށް ލަފާކުރައްވާ ބަޖެޓްގައި ހުށަހަޅުއްވައިފިއެވެ.

2017 ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި، ސިއްޙަތަށް ގެއްލުންހުރި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނެއެވެ. އެގޮތުން މިހާރު ނަގަމުންދާ ޑިއުޓީ 1.75 ރުފިޔާއަށް އިތުރުކުރުމުން ބާޒާރުގައި ސިނގިރޭޓު ލިބެން ހުންނަ އަގު ބޮޑުވެގެނެދާނެ ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް މިކަމުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް ބަޖެޓުގައިވެއެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކޮށްގެން 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ސަރުކާރަށް އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ފިޒީ ބުއިންތައް ބޭނުންކުރާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ފިޒީ އަދި އެނަރޖީ ބުއިންތަކުން 20 އިންސައްތައިގެ އެޑްވެލޮރަމް ޓެކްސްއެއް ނެގުމަށް ވަނީ ބަޖެޓުގައި ހުށަހަޅާފައެވެ. ފިޒީ ޑްރިންކްއަށް ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން 9 މިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގެ ދުއްވާތަކެތީގެ ތޮއްޖެހުން ކުޑަކުރުމަށް ކޮންޖެސްޝަން ޗާޖެއް ތައާރަފުކުރުމަށް ނިންމާފައިވާ އިރު، ކޮންޖެސްޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އަދި ޓެކްސީ އާއި ޕިކަޕް ހުއްދައިގެ ކޯޓާގެ ނިޒާމު ހަރުދަނާކޮށް ހުއްދަތައް ވިއްކަން ފެށުމަށް ނިންމާފައިވާ އިރު، އޭގެ ސަބަބުން ބާރަ މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.