އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ކޮވެންޓްރީ ސިޓީ ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.
ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ކޮވެންޓްރީ ވަނީ ރޭ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މިއީ މި ސީޒަނުގައި އެ ޓީމު މިހާތަނަށް ކުޅުނު 5 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އަނެއް ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
ނޮޓިންހަމް ފޮރެސްޓްގެ ދަ ސިޓީ ގްރައުންޑްގައި 30 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ނޮޓިންހަމް ފޮރެސްޓުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ޖޭ ޑަސިލްވާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ކޮވެންޓްރީ އިން މި މެޗަށް ނިކުތްއިރު ކުޅުނު ހަތަރު މެޗުން ބަލިވެފައިވާއިރު ބައިކޮޅަށް ވަނީ 10 ލަނޑު ވަދެފައެވެ. އަދި ޕްރިމިއާ ލީގުގައި މި ސީޒަނުގައި މިހާތަނަށް ލަނޑެއް ޖެހިފައެއްވެސް ނުވެއެވެ.
ނޮޓިންހަމް ފޮރެސްޓް އިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ލިއާމް ޑެލަޕް އާއި ޑޭން އެންޑޯޔޭ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
ނޮޓިންހަމް ފޮރެސްޓް މި މެޗުން ބަލިވެފައިވާއިރު އެ ޓީމަށް ވަނީ މި ސީޒަނުގައި އަދި އަމިއްލަ ދަނޑުގައި މޮޅުވެވޭގޮތް ނުވެފައެވެ.