ޚަބަރު

މާޒިޔާ އަތުންވި މޮޅަކީ ނިއުއަށް އިތުރު ހިތްވަރެއް: އަންދްރޭ


  • މާޒިޔާއިން ވަނީ ލީގުގައި ބަލިނުވެ 46 މެޗު ހަމަކޮށްފަ

  • މާޒިޔާއާ ނިއުވެސް ވާދަކުރަނީ ލީގަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުންވި މޮޅާއެކު، ލީގުގައި ކުރިއަށްދާން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ނިއުރޭޑިއަންޓުން މާޒިޔާގެ މައްޗަށް ކުރިހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި މާޒިޔާއިން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. އެ ޓީމުން ވަނީ ލީގުގައި ބަލިނުވެ 46 މެޗު ހަމަކޮށްފައެވެ. އެ ރެކޯޑަށް ނިމުން ނިއުއިން ގެނައިރު، މި ފަހުން ދިވެހި ފުޓުބޯޅައިގައި އެންމެ ވާދަވެރި މެޗެއްގެ ގޮތުގައި ފާހަގަވާ މެޗަކީ މާޒިޔާއާ ނިއު ބައްދަލުކުރާ މެޗެވެ.

އަނެއްކޮޅުން މިއީ ނިއުއިން މި ސީޒަނުގައި މާޒިޔާ އަތުން ހޯދި ފުރަތަމަ މޮޅެވެ. މި ދެ ޓީމު މި ސީޒަނުގައި މީގެ ކުރިން ތިން މެޗު ކުޅެފައިވާއިރު، ޗެރިޓީ ޝީލްޑް މެޗާއި، ކަޕް ވިނާސް ކަޕް މެޗުގެ ނަތީޖާ މާޒިޔާ ކޮޅަށް ބުރަވީ ޕެނަލްޓީ ޖަހައިގެންނެވެ. އަދި ކަޕް ވިނާސް ކަޕުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މާޒިޔާ މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު އަންދްރޭ ބުނީ، މި މެޗަކީ އުނދަގޫ މެޗެއްކަމަށެވެ. އަދި މެޗުން ނިއުރޭޑިއަންޓް މޮޅުވީ، އޭނާގެ ޕްލޭންއާ އެއްގޮތައް މެޗު ކުޅެގެން ކަމަށް ބުންޏެވެ.

މާޒިޔާއަކީ ލީގުގައި އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމެއްކަން ފާހަގަކުރަމުން އަންދްރޭ ބުނީ ނިއުވެސް، މާޒިޔާވެސް ވާދަކުރީ ސީދާ ލީގަށް ކަމަށެވެ. އެހެންވެ، ލީގަށް ވާދަކުރާ ޓީމެއް އަތުން މޮޅުވުން އެއީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް އަންދްރޭ ފާހަގަކުރިއެވެ.

ނިއުއިން މިފަހަރުގެ ލީގުގައި ކޮންމެ މެޗަކަށްވެސް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައިކަން އަންދްރޭ ވަނީ ތަކުރާރުކޮށްފައެވެ. އަދި މާޒިޔާ މެޗުން ލިބުނު މޮޅާއެކު، ނިއުރޭޑިއަންޓުގެ ކުޅުންތެރިންނަށް އެ އަމާޒަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބިއްޖެކަން އަންދްރޭ ފާހަގަކުރިއެވެ.

މިފަހަރުގެ ލީގުގައި ނިއުއިން މާޒިޔާގެ މައްޗަށް ކުރިހޯދިއިރު، މާޒިޔާއިން ވަނީ މިދިޔަ ފަސް ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. އެކަމަކު މާޒިޔާއިން މި ފަހަރުގެ ސީޒަނާ ކުރިމަތިލަނީ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެނަސްގެންނެވެ. އެގޮތުން މިހާރު މާޒިޔާގެ އެވްރެޖް ސްކޮޑަކީ 23 އަހަރުން ދަށެވެ.