ފަރަންސޭސިވިލާތުގެ ފުޓުބޯޅަ ތަރި ކިލިއަން އެމްބާޕޭ، ދުނިޔޭގައި ކުޅިވަރު ސާމާނު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ ނައިކީ އާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިއެވެ. އަދި އޭނާ ވަނީ ނައިކީ ދޫކޮށް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދަމުން އަންނަ ކުޅިވަރު ސާމާނު އުފައްދާ ކުންފުނި އޮން އާއި ގުޅިފައެވެ.
ސްވިޓްޒަލަންޑަށް ނިސްބަތްވާ ކުންފުނި އޮން އާއި އެމްބާޕޭ ގުޅުނުކަން ހާމަކޮށްފައިވަނީ އެކުންފުނިން އާންމު ކުރި ބަޔާނެއްގައެވެ. މިބަޔާނުގައި ވާގޮތުން އޮން އިން ވަނީ ކިލިއަން އެމްބާޕޭ އާއެކު އެކުންފުނިން ދުނިޔޭގައި އެންމެ މަޤުބޫލް ކުޅިވަރު ކަމަަށްވާ ފުޓުބޯޅައިގެ ތެރެއަށް ވަދެފައިވާކަން ހާމަކޮށްފައެވެ. އަދި މިއީ ދުނިޔޭގައި އެންމެ މަޤްބޫލު ކުޅިވަރާއެކު އެކުންފުނިން ފެށި އާ ދަތުރެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ.
މީގެއިތުރުން އޮން އިން ވަނީ 1998 ވަނަ އަހަރު ފަރަންސޭސިވިލާތާއެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ކުރީގެ ތަޖްރިބާ ކާރު ފޯވަޑް ތިއެރީ އޮންރީ އެކުންފުނީގެ ފުޓްބޯޅަ ޑިރެކްޓަރުގެ ގޮތުގައި އަންޔަން ކޮށްފައެވެ. މަޢުލޫމާތުލިބޭގޮތުގައި އޮން އިން ވަނީ އެކުންފުނިން އުފައްދާ ފުރަތަމަ ފުޓުބޯޅަ ބޫޓުތައް މިއަންނަ އަހަރު ތައާރަފް ކުރަން ނިންމައިފައެވެ.
އެމްބާޕޭ ބުނީ އޭނާ އޮން އާއި ގުޅެން ޝައުގުވެރިވީ ފުޓްބޯޅައިގެ މުސްތަގްބަލް އާގޮތަކަށް ބައްޓަން ކުރުމަށް އޮންއަށް އެހީތެރިވެދިނުމަށްކަމަށެވެ. އޮންއާއެކު އެމްބާޕޭ އެއްބަސްވުމެއް ހެދި ނަމަވެސް އެއްބަސްވުމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
2010 ވަނަ އަހަރު އުފެއްދި މިކުންފުނިން މިހާތަނަށް ބޮޑަށް އިސްކަން ދީފައިވަނީ ދުވުމުގެ އިތުރުން ޓެނިހުގެ ކުޅިވަރު ސާމާނު އުފެއްދުމަށެވެ. ޓެނިހުގެ ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ރޮޖަރ ފެޑެރަރ އަކީ މިކުންފުނީގެ ހިއްސާދާރެކެވެ. ފެޑެރަރވެސް ވަނީ އޭނާގެ ޓެނިހުގެ ކެރިއަރގެ ފަހު ކޮޅު ނައިކީ އާއި ވަކިވެ އޮން އާއި ގުޅިފައެވެ.
އެމްބާޕޭ ނައިކީ އާއި ވަކިވުމަކީ އެކުންފުންޏަށް އެކަމުގެ އަސަރު ކުރާނެ ކަމަކަށެވެ. ނައިކީއިން އަންނަނީ 2006 ވަނަ އަހަރުން ފެށިގެން އެމްބާޕޭ އާއެކު ހަރަކާތްތެރިވަމުންނެވެ. އެއީ އެމްބާޕޭގެ އުމުރުން 9 އަހަރުން ފެށިގެންނެވެ. ފަހަކަށް އައިސް ނައިކީ އާއެކު މަސައްކަތްކުރި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިން ވަނީ އެކުންފުންޏާއެކު އޮތް ގުޅުން ނިމުމަކަށް ގެނެސް އެހެން ބްރޭންޑް ތަކާއި ގުޅެން ފަށައިފައެވެ. ސްޕެއިންގެ އަރަމުން އަންނަ ތަރި ލަމީން ޔަމާލް ވަނީ 2024 ވަނަ އަހަރު ނައިކީއިން ވަކިވެ ވާދަވެރި އެޑިޑާސް އާއި ގުޅިފައެވެ. އަދި އެމެރިކާއަށް ނިސްބަތްވާ މިކުންފުންޏަށް މިދިޔަ އަހަރުވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ މެޗް ބޯލް ސަޕްލައިކުރުމުގެ ފުރުސަތު ވެސް ގެއްލިފައެވެ. މި ބިޑް ކާމިޔާބު ކޮށްފައިވަނީ ޕޫމާއިންނެވެ. ނަމަވެސް މިއަންނަ އަހަރުން ފެށިގެން ޖަރުމަނު ޤައުމީ ޓީމަށް އޮފިޝަލް ކިޓާއި އެހެނިހެން ސާމާނު ސަޕްލައި ކޮށްދިނުމުގެ ބިޑު ނައިކީއިން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ނައިކީއާއެކު ހަދާފައިވާ އެއްބަސްވުން އެމްބާޕޭ ނިމުމަކަށް ގެނެސްފައި ވީނަމަވެސް ފަރަންސޭސިވިލާތުގެ ޤައުމީ ޓީމާއެކު އޮތް ދުވަސްވީ ގުޅުންވަނީ 2033-34 ވަނަ އަހަރާއި ހަމައަށް އިތުރު ކޮށްފައެވެ.