ޖަރުމަނު ލީގުގައި އެފްސީ ޔޫނިއަން ބަރލިން މައްޗަށް ޗެންޕިއަން ބަޔާން އިން ކުރި ހޯދައިފިއެވެ.
ބަޔާންގެ އެލިއާންޒް އެރީނާގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 7-0 ގެ ތަފާތުބޮޑު ނަތީޖާ އަކުންނެވެ.
މިމެޗުގައި ބަޔާންއަށް ކުޅޭ ފަރަންސޭސި ބައިނަލްއަޤްވާމީ ކުޅުންތެރިޔާ މައިކަލް އޮލީސޭ ހެޓްރިކެއް ހެދިއިރު އެޓީމަށް ކުޅޭ އިންގްލަންޑުގެ ކެޕްޓަން ހެރީ ކޭންވަނީ މިމެޗުގައި ކާމިޔާބު ކުރި ފުރަތަމަ ލަނޑާއެކު ބުންޑެސްލިގާގައި އެންމެ އަވަހަށް 100 ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް ގާއިމްކޮށްފައެވެ. މިމެޗުގައި ކޭން ރިކޯޑް ގާއިމް ކުރި ލަނޑު ޖަހާފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭނާ ބުންޑެސްލީގާގައި 100 ލަނޑު ހަމަކޮށްފައިވަނީ 98 މެޗުންނެވެ.
ބަޔާންގެ ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖަމާލް މުސިއެލާއެވެ. މިމެޗުގައި ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޮލީސޭއެވެ. ބުންޑެސްލީގާގައި ކޭން ކާމިޔާބު ކުރި 101 ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 54 ވަނަ މިނެޓުގައެވެ. މިލަނޑާއެކު 2023 ވަނަ އަހަރު ބަޔާން އާއި ގުޅުނު ކޭން އެޓީމަށް ޖަހައިދީފައިވާ ލަނޑުގެ އަދަދު މިވަނީ 152 އަށް ހަމަކޮށްފައެވެ. އެއީ 154 މެޗު ކުޅެގެންނެވެ. ބަޔާންގެ 5 ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް ސައިބާރީއެވެ. އަދި މިމެޗުގައި އޮލީސޭ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައިވަނީ މެޗުގެ 73 އަދި 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ދެ ލަނޑުންނެވެ.
މިކާމިޔާބީ އާއެކު ބަޔާން މިހާރު އޮތީ ކުޅުނު 4 މެޗުން ލިބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ނަމަވެސް މިހަފްތާގައި ކުޅޭ މެޗުތަކާއެކު ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު ފްރެއިބަރގް އާއި ބޮރޫޝިއާ ޑޯޓްމުންޑަށް އެބައޮތެވެ. އަދި މިމެޗުން ވީ ބައްޔާއެކު ޔޫނިއަން ބަރލިން އޮތީ އެންމެ ޕޮއިންޓާކާއެކު ތާވަލްގެ 16 ވަނައިގައެވެ.