ޚަބަރު

ބްރެންޓްފޯޑް ކައިރިން ޗެލްސީ ސަލާމަތެއްނުވި


  • ބްރެންޓްފަޑް އިން ޗެލްސީ ބަލިކޮށްފައިވަނީ 3-0 ލަނޑުން

އިންގްލިޝް ޕްރިމިއަރ ލީގުގައި ޗެލްސީ އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ބްރެންޓްފޯޑުން ކާމިޔާބުކޮށްފިއެވެ.

ބްރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ބްރެންޓްފަޑްއިންނެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިހާފުގައި ލަނޑެއް ޖެހުމާއި އެންމެ ގާތަށް ގޮސްފައިވަނީ ޗެލްސީގެ މޯގަން ރޮޖަރސް އާއި ޕެޑްރޯ ނެޓޯއެވެ. ނަމަވެސް އެއިން އެއްވެސް ކާމިޔާބެއް ނުވެއެވެ. މީގެއިތުރުން މިހާފްގައި ޗެލްސީއަށް ބްރެންޓްފޯޑުން މާނުރައްތެރި ހަމަލާއެއް އުފެއްދުނު ތަނެއް ވެސް ނުފެނެއެވެ. މިމެޗުގައި ޗެލްސީގެ ފޯވަޑް ޖާއޮ ޕެޑްރޯއަށް އަނިޔާވުމުގެ ސަބަބުން ނުކުޅެވުމުގެ ނަތީޖާ ފެނުނެވެ.

މިމެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފުރަތަމަ ހާފަށްވުރެ ހަމަލާއަށް އިސްކަން ދީގެން ކުޅުނު ނަމަވެސް މިހާފުގައިވެސް ލަނޑު ޖަހަން ތަނަވަސްކުރެވުނު ފުރުސަތު ދެޓީމަށްވެސް މަދެވެ. މިމެޗުގައި ބްރެންޓްފޯޑުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެއިޑަން އެންތަނީއެވެ. މިއީ ޖެއިޑަން އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ބްރެންޓްފަޑްއިން އެޓީމުގެ ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން 7 މިނެޓަށް ވެފައިވަނިކޮށް އީގޯ ތިއާގޯއެވެ. މިލަނޑު ތިއާގޯ ޖަހާފައިވަނީ އެޓީމުގެ ކެވިން ޝާޑަރ ޗެލްސީގެ ގޯލަށް ފޮނުވާލި ހަމަލާއެއް ކީޕަރ އެމިލިއާނޯ މާޓިނޭޒް ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު ލިބުނު ރީބައުންޑުންނެވެ. އަދި ބްރެންޓްފޯޑްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 4 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ފަބިއޯ ކަވާލިއޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިކާމިޔާބީ އާއެކު ބްރެންޓްފޯޑުން މިވަނީ ޕްރިމިއަރ ލީގުގައި ފުރަތަމަ ފަހަރަށް ޗެލްސީ ބަލިކޮށްފައެވެ. އަދި ބްރެންޓްފޯޑް މިހާރު އޮތީ މިހާތަނަށް ކުޅުނު 5 މެޗުން ލިބުނު 9 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. އަދި ޗެލްސީ އޮތީ 5 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ. މިސީޒަން ވަރަށް ރަނގަޅަށް ފެށި ޗެލްސީ އެޓީމުން އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެއްނުވެއެވެ. ތިން މެޗުގެ ތެރެއިން ދެ މެޗުންވަނީ ބަލިވެފައެވެ. އަދި ޗެލްސީ އާއި ތާވަލްގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުގައިވާ ފަރަގު ވަނީ 5 ޕޮއިންޓަށް އިތުރު ވެފައެވެ.