ތިމާވެށި

ނޭޝަނަލް ކެމިކަލް މެނޭޖްމެންޓް ޑޭޓާބޭސް އިފްތިތާޙުކުރައްވައިފި


ނޭޝަނަލް ކެމިކަލް ޕްރޮފައިލް އަދި ނޭޝަނަލް ކެމިކަލް މެނޭޖްމެންޓް ޑޭޓާބޭސް މިއަދު އިފްތިތާޙުކުރައްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި، ނޭޝަނަލް ކެމިކަލް ޕްރޮފައިލް އަދި ނޭޝަނަލް ކެމިކަލް މެނޭޖްމެންޓް ޑޭޓާބޭސް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފްއެވެ.

ނޭޝަނަލް ކެމިކަލް ޕްރޮފައިލް އަދި ނޭޝަނަލް ކެމިކަލް މެނޭޖްމެންޓް ޑޭޓާބޭސް އިފްތިތާޙުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބުރާހީމް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެއްގައި ކެމިކަލް މެނޭޖްކުރުމުގެ މުޙިއްމުކަމާއި ކެމިކަލް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ އިފްތިތާޙުކުރެވުނު ކެމިކަލް ޕްރޮފައިލްއާއި އޮންލައިން ސިސްޓަމް ޤާއިމް ކުރެވުމުގެ ސަބަބުން ރާއްޖޭގައި ކެމިކަލް ގެންގުޅުމާއި ކެމިކަލް ނައްތާލުމުގައި އަދި މީގެ އިތުރުން ކެމިކަލް މެނޭޖްކުރުމުގެ ރަނގަޅު އުސޫލްތަކެއް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެކަމަށެވެ.

ދިވެހިރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުންޏާއި ކެމިކަލްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން ރައްކާތެރިވުމަށް އެޅިގެންދާ މުޙިއްމު ފިޔަވަޅަކަށް މިކަން ވެގެންދާނެ ކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޔުނިޓާގެ އެހީތެރިކަމާއި އެކު މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީން އިފްތިތާޙުކުރެއްވި މިރިޕޯޓަކީ މިހާތަނަށް ރާއްޖެއަށް އެތެރެ ކުރެވޭ ކެމިކަލްތަކުގެ މަޢުލޫމާތު ހިމެނޭފަދަ ގޮތަކަށް ނެރުނު ފުރަތަމަ ރިޕޯޓެވެ. މި ރިޕޯޓުގައި ދިވެހިރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި، ބޭނުންކުރުމާއި، ރައްކާކުރުމާއި، އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި އަދި ނައްތާލުމުގައި ދިވެހިރާއްޖޭގައި ބޭނުންކުރެވޭ މިންގަނޑުތަކާއި ހާލަތު ވަނީ ބަޔާންކުރައްވާފައެވެ.