ކަރަބާއޮ ކަޕްގެ ތިންވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަން އަތުން މެންޗެސްޓަރ ޔުނައިޓެޑް ލަދުވެތިގޮތަކަށް ބަލިވެ މުބާރާތުން ކަޓައިފިއެވެ.
ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރަފަޑްގައި ކުޅުނު މިމެޗު ބްރައިޓަން އިން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑުން 2 ލަނޑު ޖަހާފައިވަނީކޮށް ފަހަތުން އަރާ 3 ލަނޑު 2 ލަނޑުންނެވެ. މިއީ މީގެ ބައި ގަރުނު ކުރިން 1976ވަނަ އަހަރު ޓޮޓްނަމް ހޮޓްސްޕަރ އަތުން ބަލިވި ފަހުން އަމިއްލަ ދަނޑުގައި 2 ލަނޑުގެ ލީޑެއްގައި އޮވެ ޔުނައިޓެޑް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މެންޗެސްޓަރ ސިޓީ އާއި ބައްދަލުކޮށް ބަލިވި މެޗުގައި ކުޅުނު ފުރަތަމަ އެގާރައަށް ގިނަ ބަދަލު ތަކެއް ގެނެސްފައިވި ޔުނައިޓެޑުން މިމެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ޔުނައިޓެޑުންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔުނައިޓެޑްގެ ސީނިއަރ ޓީމުގެ ފުރަތަމަ އެގާރައިގާ ހިމެނިގެން ފުރަތަމަ މެޗު ކުޅެމުންދިޔަ ޒުވާން ކުޅުންތެރިޔާ ޝެއާ ލެސޭއެވެ. އަދި މިލަނޑު ޖެހިތާ 2 މިނެޓް ފަހުން މޭސަން މައުންޓް ކާމިޔާބު ކޮށްދިން ލަނޑާއެކު މިމެޗު ޔުނައިޓެޑުން ފަސޭހަ ކަމާއެކު ކާމިޔާބު ކޮށްފާނެކަމަށް ބެލެވިގެންދިޔައެވެ.
ނަމަވެސް މިދެ ލަނޑާއެކު ދެން ފެނިގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރައިޓަން އިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ހިތްވަރު އާކުރި ތަނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޗަރަލަމްޕޯސް ކޮސްޓޮއުލާސްއެވެ. މިމެޗުގައި ބްރައިޓަން އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 65 ވަނަ މިނެޓުގައި ކެޕްޓަން ޕަސްކަލް ގްރޮސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ 4 މިނެޓް ފަހުން މެކްސިމް ޑި ކައިޕަރ ޖަހައިދިން ލަނޑުން މިމެޗުގައި ބްރައިޓަން އިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑާއެކު މެޗުން ނަތީޖާއެއް ނެރުމަށްޓަކައި ޔުނައިޓެޑުން އެޓީމުގެ ފުރަތަމަ އެގާރައިގާ އާންމުކޮށް ކުޅޭ ގިނަ ކުޅުންތެރިން ދެވަނަ ހާފުގައި ކުޅެން އެރުވިތަން ފެނިގެންދިޔައެވެ. ނަމަވެސް މިއާއެކުވެސް އެޓީމަށް ބްރައިޓަންގެ ގޯލް އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މިމެޗުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ޔުނައިޓެޑްގެ މާކަސް ރަޝްފަޑްއަށް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ ޖޭސަން ސްޓީލް ދިފާއު ކޮށްފައެވެ. އަދި ބްރައިޓަންއަށް ހަތަރު ވަނަ ލަނޑެއް ނުޖެހި ސަލާމަތްވީ ކީޕަރ ކާލް ޑާލޯގެ ހުށިޔާރު ކަމުންނެވެ.
ޔުނައިޓެޑްވަނީ މިދިޔަ އަހަރުގެ އެފް އޭ ކަޕްގައިވެސް ބްރައިޓެޑް އަތުން ބަލިވެފައެވެ. އަދި މިދިޔަ އަހަރު ކަރަބާއޮ ކަޕްގައި ލީގު ޓޫގެ ގްރިމްސްބީ އަތުން ބަލިވެފައިވުމާއެކު މިއީ ޖެހިޖެހިގެން ޑޮމެސްޓިކް މުބާރާތްތަކުގައި ޔުނައިޓެޑަށް ކުރިމަތިލާންޖެހުނު ތިން ވަނަ ނާކާމިޔާބީއެވެ.