ޚަބަރު

ބާސާއިން ސަންޓަންޑަރ ބަލިކޮށް 3 ޕޮއިންޓްގެ ލީޑެއްގައި


  • ބާސާއިން މިމެޗު ކާމިޔާބު ކޮށްފައިވަނީ 7 ލަނޑު 2 ލަނޑުން

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބާސެލޯނާ އާއި ރޭސިންގ ސަންޓަންޑަރ ބައްދަލުކުރި މެޗު ފަސޭހަ ކަމާއެކު ބާސާއިން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ 3 ޕޮއިންޓްގެ ލީޑެއް ނަގައިފިިއެވެ.

ބާސާގެ ކޭމްޕް ނޫގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 7 ލަނޑު 2 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ބާސާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވާ މިމެޗު އެޓީމުން ފަށާފައިވަނީވެސް އެހާމެ ފޯރީގައެވެ. މިގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ބާސާއިން ވަނީ ޖާއޮ ކޮންސޭލޯ ޖަހައިދިން ލަނޑުން މެޗުގެ ލީޑު ނަގައިފައެވެ. މިމެޗުގައި ދެން ފެނިގެންދިޔައި މެޗުގެ 25 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ކެޕްޓަން ރަފީނިއާ އެޓީމުގެ ލީޑު ފުޅާކޮށްދިން ތަނެވެ. މިމެޗުގައި ރަފީނިއާވަނީ އިތުރު ދެ ލަނޑު ޖަހާ ހެޓްރިކެއްވެސް ހަދައިފައެވެ.

މިމެޗުގައި ސަންޓަންޑަރއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މަގުއެޓާ ގުއޭޔޭއެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓް ފަހުން ބާސާއަށް އަނެއްކާވެސް 2 ލަނޑުގެ ލީޑު ލިބިގެންދިޔައީ ސަންޓަންޑަރގެ އެސިއަރ ވިޔަލިބްރޭ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކުއެވެ. އަދި މެޗުގެ 42 ވަނަ މިނެޓުގައި ރަފީނިއާ މިމެޗުގައި ކާމިޔާބު ކުރި 2 ލަނޑާއެކު ބާސާއަށް ތިން ލަނޑުގެ ލީޑެއް ލިބިގެންދިޔައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާއަށް އިތުރު ލަނޑެއް ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް ލަމީން ޔަމާލް ޖެހި ޕެނަލްޓީ ވަނީ ސަންޓަންޑަރގެ ކީޕަރ ހޫލެން އަގިރެޒަބާލާ ދިފާއު ކޮށްފައެވެ.

މިމެޗުގައި ސަންޓަންޑަރއިން ކާމިޔާބު ކުރި 2 ވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޔާސިރު ޒަބީރީއެވެ. ނަމަވެސް މިލަނޑު ޖެހިތާ 2 މިނެޓް ފަހުން ބާސާއަށް މިމެޗުގައި ލިބިގެންދިޔަ ތިންވަނަ ޕެނަލްޓީ ކާމިޔާބުކޮށް ބާސާގެ ފަސްވަނަ ލަނޑު ޖަހައިދިނުމުގެ އިތުރުން މިމެޗުގައި ރަފީނިއާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. މިއީ މިސީޒަންގައި ރަފީނިއާ ބާސާއަށް ކާމިޔާބު ކޮށްދިން 11 ވަނަ ލަނޑުގެ އިތުރުން ލީގުގައި ކާމިޔާބު ކުރި 9 ވަނަ ލަނޑެވެ.

މިމެޗުގައި ބާސާގެ 6 ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ ގެބްރިއެލް ހޭސޫސް ކާމިޔާބު ކޮށްދިން އިރު ފަހު ލަނޑު ޖަހައިދިނީ 89 ވަނަ މިނެތުގައި ޔަމާލްއެވެ. މިކާމިޔާބީ އާއެކު ބާސާ މިހާރު އުޅެނީ ކުޅުނު 6 މެޗުވެސް ކާމިޔާބު ކޮށް ލިބިފައިވާ 18 ޕޮއިންޓާއެކު ސައްތަ އިން ސައްތަ ރިކޯޑަކާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ އުޅޭ ރެއާލްއަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. އަދި ތިންވަނައިގާ އުޅެނީ 13 ޕޮއިންޓާއެކު އެޓްލެޓިކޯ މެޑްރިޑެވެ. މިމެޗުން ބަލިވުމުން ސަންޓަންޑަރ އުޅެނީ 7 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.

މިމުބާރާތުގައި ކުޅުުނު އެހެން މެޗުތަކަށް ބަލާލާއިރު އެޓްލެޓިކޯ އާއި އޮސަސޫނާ ބައްދަލުކުރި މެޗު 4 ލަނޑު ސުން ލަނޑުން އަމިއްލަ ދަނޑުގައި އެޓްލެޓިކޯ ކާމިޔާބު ކުރިއިރު ތާވަލްގެ ހަތަރު ވަނައިގާ އުޅޭ ސެވިއްޔާ އާއި ޑިޕޯޓިވޯ ލަކަރޫނިއާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސެވިއްޔާއެވެ. އަދި ލެވެންޓޭ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރުމަށް ހަމަޖެހިފައިވި މެޗުވަނީ ލަސްކޮށްފައެވެ.