ޚަބަރު

އޯޓިޒަމް އެސޯސިއޭޝަންގެ 6 ބުރީގެ ޢިމާރާތް 2017 ގައި ހުޅުވަނީ


އޯޓިޒަމް އެސޯސިއޭޝަންގެ 6 ބުރީގެ އިމާރާތް އަންނަ ދިރާސީ އާ އަހަރާއެކު ހުޅުވޭނެކަމަށް އެ އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެއެވެ. 

އޯޓިޒަމް އެސޯސިއޭޝަންގެ މިއަހަރުގެ ދިރާސީ އަހަރު ނިންމުމުގެ ގޮތުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ހުސައިން ވިދާޅުވީ، އޯޓިޒަމް ކުދިންނަކީ ވަރަށް ހުނަރު ހުރި ކުދިންކަމަށާއި އެކުދިންގެ ހުނަރު ދެނެގަނެ އެ ހުނަރުތައް ތަރައްޤީ ކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން މަސައްކަތް ކުރަމުންގެންދާކަމަށެވެ. މިގޮތުން ބައިނަލްއަޤްވާމީ މުބާރާތެއްކަމަށްވާ ގާލާ ކޮމްޕެޓިޝަންގައި އެ އެސޯސިއޭޝަންގެ ހަތް ދަރިވަރަކު ބައިވެރިވެ ބެސްޓް ޓެލެންޓް ކެޓަގަރީން އެސޯސިއޭޝަންގެ ދަރިވަރަކު އެއްވަނަ ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އިފްހާމް ވިދާޅުވީ، ހަތަރު ކުދިންނާއެކު ފެށި އެންޖީއޯ ފުޅާވެގެން ގޮސް މިހާރު އެ އެސޯސިއޭޝަންގައި ނުވަދިހަ ތިން ކުދިން އެބަތިބިކަމަށެވެ.

img:http://s1.psmnews.mv/images/660x400/14784452300075.jpg|އޯޓިޒަމް އެސޯސިއޭޝަންގެ ދިރާސީ އަހަރު ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓްރީ

"އެންމެ ހަތަރު ކުދިންނާއެކު ފެށި މި އެންޖީއޯ މިހާރު މިވަނީ ނުވަދިހަ ތިން ދަރިވަރުންނަށް ފުޅާވެގެން ގޮސްފައި. އަދި މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ ހަ ބުރީގެ އިމާރާތް އާ އެކަޑަމިކް އިޔާ ފެށޭއިރު ހުޅުވިގެންދާނެ. މިކަމަށްޓަކައި އަޅުގަނޑު ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން އަޅުގަނޑުމެންނަށް ބިމެއް ދެއްވާ މިކަން ކުރުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކާ. އަދި ހާއްޞަކޮށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަޞަން މަނިކު އަޅުގަނޑުމެންގެ ސްކޫލް އިމާރާތް އަޅަން ފަންޑު ހޯއްދަވައިދެއްވިކަމަޓަކައި އެމަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އިފްހާމް ވިދާޅުވިއެވެ. 

މިހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އޯޓިޒަމް ކުދިންނަށް ދައުލަތުގެ އެކި މުވައްސަސާތަކުން އިތުރު އެހީއާއި އަޅާލުން ބޭނުންވާކަމަށާއި މި އެހީތެރިކަމާއި އެއްބާރުލުން ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14784451906861.jpg|އޯޓިޒަމް އެސޯސިއޭޝަންގެ ދިރާސީ އަހަރު ނިމުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ހެލްތް މިނިސްޓްރީ

"ދައުލަތުގެ މުވައްސަސާތަކުން މިކުދިންނަށް އިތުރު އެހީއާއި އަޅާލުން ބޭނުންވާކަން ކުރިއަށްވުރެވެސް ބޮޑަށް އަޅުގަނޑަށް އިހްސާސް ކުރެވިއްޖެ. ވުމާއެކު އަޅުގަނޑު ދަންނަވާނީ މިހާރަށްވުރެ ބޮޑަށް ދަޢުލަތުގެ އެކިއެކި މުވައްސަސާތަކުން މިކުދިންނަށް ފޯރުކޮށްދެންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑު ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭނެ ވާހަކަ" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި އެ އެސޯސިއޭޝަންގެ ދަރިވަރުންގެ އަގު ވަޒަންކޮށް އެދަރިވަރުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މީގެއިތުރުން އެ އެސޯސިއޭޝަންގައި މަސައްކަތް ކުރާ ޓީޗަރުންގެ އަގު ވަޒަންކޮށް އެ ޓީޗަރުންނަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ.