ކުޅިވަރު

ލިވަޕޫލްގެ މިޑްފީލްޑަރުން އަތުވީ 10 އިން ހަތަރު ބޯޅަ


ލިވަޕޫލް މި ސީޒަނުގައި ދައްކަމުންދާ ކުޅުމަށް ބަލައި އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ ޓީމުގެ މިޑްފީލްޑަރުންނަށެވެ.

މި ގޮތުން އެ ޓީމު އެންމެ ފަހުން ފުލަމްއާއ ދެކޮޅަށް ކުޅޭ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ދުވެގެން އިދިކޮޅު ޓީމު އަތުން އަތުލަން ޖެހުނު 10 ބޯޅައިގެ ތެރެއިން މިޑްފީލްޑަރު ޑޮމިނޮކް އެސްޒޮބޮސްލާއީ އާއި ރަޔަން ގްރެވެނބާޗް އަށް އަތުވީ އެންމެ ހަތަރު ބޯޅަ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

ނަމަވެސް ކޯޗު އަންޑޯނީ އިރައޯލާ ބުނީ މިއީ ކުޅުންތެރިންނަށް ފާޑުކިޔަންވީ ވަގުތު ނޫން ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނަށް ދޭ ހިތްވަރު އިތުރު ކުރަން ޖެހޭ ކަމަށާއި މިޑްފީލްޑަރުންނަށް ބޯޅަ އަތުނުވަނީ ހަމައެކަނި އެ މީހުންގެ މައްސަލައަކުން ނޫން ކަމަށެވެ.

"އަހަރުމެން ރޭވުމުގައިވަނީ ވަރަށް ކުރިން ޕްރެސްކޮށް ބޯޅަ އަތުލަން. އެއީ ޑިފެންސް ކުރާ ކުޅުންތެރިންނަށް ވެސް ފަސޭހަ ކޮށްދޭން ވެގެން. އެއީ ހަމައެކަނި މިޑްފީލްޑަރުން ކުރަން ޖެހޭ ކަމެއް ނޫން. އަހަރުމެންގެ އެޓޭކް ވެސް ވަން އޮން ވަންގައި ރަނަގޅު ކުރަން ޖެހޭ،" މި ސީޒަނަށް ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

"މިއީ ހަމައެކަނި މިޑްފީލްޑަރުންނާ ހިސާބުން ނިންމާލެވޭނެ ކަމެއް ނޫން. ގުޅިގެން އަހަރުމެން ވަނީ ވަރަށް ގިނަ ބޯޅަތައް ރިކަވާ ކޮށްފައި. އަހަރެންނަށްވީ ހީވަނީ އެންމެ ކުރިން އެ މީހުންގެ ޒިންމާ އަދާކޮށްފިނަމަ މިޑްފީލްޑަރުންގެ ވަޒީފާ ފަސޭހަ ވެގެންދާނެހެން. ކޮންމެ ފަހަރު އެ މީހުންނަށް ވަން އޮން ވަންގައި ދިފާއު ކުރަން ޖެހޭ ގޮތް ހަދައިފިނަމަ އަހަރުމެން އެގްރެސިވްއެއް ނުވާނެ. އަދި އަހަރުމެންގެ ޑިފެންޑަރުން ވެސް އޭގެ އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ލިވަޕޫލްގެ މިހާރުގެ ސްކޮޑާމެދު ހިތްހަމަ ޖެހޭ ކަމަށާއި މެޗުތަކުން މޮޅުވާނަމަ މާގިނަ މައްސަލަތަކެއް ބޭރަށް ނުފެންނާނެ ކަމަށެވެ.

"އަހަރެން ކުޅުންތެރިންގެ އަގު ވަޒަން ކުރަން. އަހަރުމެން މެޗުތަކުން މޮޅުވާނަމަ މި ސްކޮޑް ވަރަށް ފައްކާވާނެ. އަހަރުމެން މޮޅުނުވާނަމަ ވަރަށް ގިނަ ފާޑުކިއުންތަކާ ކުރިމަތިލާން ޖެހޭނެ،" ކޯޗު ބުންޏެވެ.

ލިވަޕޫލް މި ވަގުތު އޮތީ އިނގިރޭސި ޕްރެމިއާ ލީގުގައި ހަތަރު މެޗު ކުޅެގެން ހަ ޕޮއިންޓާއެކު ޓޭބަލުގެ ހަތް ވަނާގަ އެވެ. މިއީ އެއްވަނާގައިވާ އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް އަށް ވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ. އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރީގައިވަނީ އާސެނަލް އެވެ.