ޓުއަރިޒަމް

ވާދޫ ޓުއަރިޒަމް ޒޯންގެ މަސައްކަތް 4 މަސްތެރޭ ފަށަނީ


ދިގު ދެ ތުނޑިއާއި އެކު ބޮޑު ވިލެއް އޮންނަ މާޅޮސްމަޑުލު އުތުރުބުރީ ވާދޫއަކީ ގުދުރަތީ ގޮތުން ރީތި ސިފަތަކެއް ލިބިފައިވާ ރަށެކެވެ. ދޭތެރެ ދޭތެރެއިން އެރަށުގެ ތުނޑީ ސަރަޙައްދުގައި ރެދަން ލާފައި އޮންނަކަންވެސް ފާހަގަކޮށްލެވެއެވެ. ރަށާއި ކައިރީގައި ރިސޯޓެއް ނެތުމާއި ރަށުގެ ޒުވާނުންނަށް ރަށުގައި އަދާކުރާނެ ވަޒީފާއެއް ނެތުމަކީ މި ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. 

ގެސްޓް ހައުސްގެ ވިޔަފާރިއަކީ މީހުން ދިރިއުޅޭ ރަށްރަށުގައި އާމުދަނީ ހޯދުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ވިޔަފާރި ކަމަށްވާއިރު، އޭގެ ނަފާ ރަށުގެ ރަށްޔިތުންނަށް ހޯދައިދިނުމަށްޓަކައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލުން ވަނީ އެރަށުގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރެއްވުމަށް ނިންމަވައި، އެމަސައްކަތް ބަޔަކާއި ހަވާލުކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14784330787942.jpg|ރ. ވާދޫ / މިރަށުގައި ޓުއަރިޒަމް ޒޯންއެއް ތަރައްްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ރ.ވާދޫ އުތުރުކޮޅު ތުނޑީ ސަރަހައްދުން ތިން ހެކްޓަރުގެ ބިމުގައި ތަރައްޤީކުރާ ޓޫރިޒަމް ޒޯންގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. 8 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަސްތެރޭ ފެށިގެންދާނެ ކަމަށް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ. މި ޓޫރިޒަމް ޒޯނުން ސަތޭކައަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށާއި، ވަޒީފާތަކުގެ ސާޅީސް އިންސައްތަ ހާއްސަކުރާނީ ވާދޫގެ ރައްޔިތުންނަށްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި  ވާދޫއާއި ކައިރި ރަށްރަށުގެ މީހުންނަށްވެސް ޙާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖަރ އަލީ ރަޝީދު ވިދާޅުވިއެވެ.

ރ.ވާދޫ އުތުރުކޮޅު ތުނޑީ ސަރަހައްދުން ތިން ހެކްޓަރުގެ ބިމުގައި ތަރައްޤީކުރައްވާ މިޒޯންގައި ފަންސަވީސް ބީޗް ވިލާ އަދި ފަންސަވީސް ގާޑަން ވިލާއާއި އެކު ޑައިވް ސެންޓަރަކާއި ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ޤާއިމްކުރާނެއެވެ.

ހަތަރު ތަރީގެ ފެންވަރަށް ތަރައްޤީކުރާ މި ޓޫރިޒަމް ޒޯންގެ މަސައްކަތް ކުރިއަށް އޮތް ދެއަހަރު ދުވަސްތެރޭ ނިމިގެންދާނެ ކަމަށް ފާލަން ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ. ވާދޫގައި ފަތުރުވެރިކަން ތަރައްޤީވެގެން ދިޔުމާއި މެދު އެރަށުގެ ރަށްޔިތުން ދެކެމުން އަންނަނީ ފޮނި ހުވަފެންތަކެކެވެ. އެތަން ހުޅުވިގެންދިޔުމުން ރަށަށް ގިނަ ކުރިއެރުންތަކެއް އަންނާނެ ކަމަށް އެރަށު ރައްޔިތުން ދެކެއެވެ.

img:http://s2.psmnews.mv/images/660x400/14784331546368.jpg|ރ. ވާދޫ / މިރަށުގައި ޓުއަރިޒަމް ޒޯންއެއް ތަރައްްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

ވާދޫގައި ޓޫރިޒަމް ޒޯނެއް ތަރައްޤީކުރުމަށް ނިންމިކަން އިއުލާން ކުރި ހިސާބުން އެރަށުން ބިން ގަތުމަށްޓަކައި ގިނަ އަދަދެއް ފަރާތްތަކުން ހުށަހަޅަމުންދާކަމަށް ވާދޫ ކައުންސިލުން ހާމަކުރައްވައެވެ. އަދި އެކަމުގެ ސަބަބުން ދައްކައިދެނީ ރަށަށް ލިބެމުންދާ ކުރިއެރުންކަން ވާދޫ ކައުންސިލްގެ ރައީސް ހުސެއިން އަލީ ފާހަގަކުރެއްވިއެވެ. 

ރ. ވާދޫގައި ޓޫރިޒަމް ޒޯންއެއް ތަރައްޤީކުރުމަށް، ފާލަން ހޯލްޑިންގ ޕްރައިވެޓާއި ހަވާލުކޮށްފައިވަނީ ފަންސާސް އަހަރަށެވެ. އެ ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫއަށް ބިޑް ހުށަހެޅުމަށް ހުޅުވާލުމުން ޖުމްލަ 4 ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ވާދޫ ކައުސިލުން ވިދާޅުވެއެވެ.