ޚަބަރު

ގއ. 20 ރަށެއް ވަރުވާއަށް ދޫކުރަން ނިންމަވައިފި


ހުވަދު އަތޮޅު އުތުރުބުރީ 20 ރަށެއް ބީލަމުގެ އުޞޫލުން ވަރުވާއަށް ދޫކުރުމަށް ނިންމަވައިފިއެވެ. 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވިދާޅުވީ 0.19 ހެކްޓަރުން ފެށިގެން 49.4 ހެކްޓަރާ ދެމެދުގެ ބޮޑުމިނުގެ 20 ރަށެއް ވަރުވާއަށް ދޫކުރައްވާނެކަމަށެވެ.  ވަރުވާއަށް ދޫކުރައްވަން ނިންމެވި ވިހި ރަށުގެ ތެރޭގައި މީގެ ކުރިންވެސް ވަރުވާއަށް ދޫކުރުމަށް ޢިއުލާންކޮށްފައިވާ ރަށްތައްވެސް ހިމެނެއެވެ.

މިރަށްތައް ވަރުވާއަށް ނެގުމުގެ ބީލަމް ބިޑު ފޯމު، މި މަހު 20 ވަނަ ދުވަހާ ހަމައަށް ވިއްކާނެއެވެ. ބިޑް ފޯމްގެ އަގަކީ  ފިހި ރުފިޔާ އެވެ. ގއ.އަތޮޅުން ވަރުވާއަށް ދޫކުރަން ނިންމާފައިވާ ރަށްތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިމަހުގެ ވިހިވަނަ ދުވަހު ބާއްވަވަން ފިޝަރީޒް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ. 

ބީލަމަށް ދޫކުރެއްވުމަށް ނިންމެވި ރަށްތަކަކީ، ކޮޑަފުއްޓާ ބޭރުހުއްޓާއި، ބޮޑުފުށި، ޅޮއްސާއި، ކޯއްޑޫ، އުހެރެހާ، ފެންރެހާ، ފެންރެހާހުއްޓާ، އޮޑަގައްލާ، މަތިއްދޫ، ގަލަމާދޫ، މާކަނާރަޓާ، ކޮޑަގެފުށި، ބަބެރާހުއްޓާއި މާފެހެލާ، މެދުރެހާ، ދެއްވަލާބަދޫ، ދިގެދޫގެ އިތުރުން އިދިމާ އަދި މިނިމެއްސާ ހިމެނެއެވެ.