މާލެއަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތަކަށް، ލަފާފުރުމުގެ ދަތިކަން ހައްލުކޮށް، އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރައްވަމުންނެވެ.
އެގޮތުން މީރުބަހުރު ބަނދަރުން ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދްމަތްތައް އިތުރަށް ފުޅާކުރުމަށް އެމްޕީއެލްއިންދަނީ މަސައްކަތް ކުރަމުންނެވެ. އަތޮޅުތެރެއިން މާލެއަށް މުދާ ގެންނަ ފަރާތްތަކާއި ، މާލެއިން އަތޮޅު ތެރެއަށް މުދާ ގެންދާ ފަރާތަކަށް ، ލަފާފުރުމުގެ ލުއި ފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ސަރުކާރުންގެންދަވަނީ ބަދަނރުތައް ތަރައްޤީކޮށް، ޖާގަ ބޮޑުކުރެއްވުމުގެ މަސައްކަތްފައްޓަވާފައެވެ. އަދި މިއާއެކު ބައެއް ބަނދަރުތަކުން ދަތުރުވެރިންނަށް ބޭނުންވާ ގިނަ ޚިދުމަތްތައް ފޯރުކޮށް ދެއްވުމުގެ މަސައްކަތް ޢަމަލީގޮތުން ފައްޓަވާފައެވެ.
މީރުބަހުރު ބަނދަރަކީ އަތޮޅުތެރެއިން މާލެއަށް އަންނަ ގިނަ ޢަދަދެއްގެ ވިޔަފާރިވެރިންނާއި ޚިދްމަތް ހޯދަން އަންނަ ފަރާތްތަކުން ބޭނުންކުރާ ބަނދަރެވެ. އެމްޕީއެލް ގެ ޖެނެރަލް މެނޭޖަރ އަލީ އަޙްމަދު ވިދާޅުވީ ، މިބަނދަރުން މިހާރު ލިބޭ ޚިދުމަތްތަކުގެ އިތުރުން، ދަތުރުވެރިންނަށް ޚާއްސަކޮށްގެން ދުރުނޫން މުސްތަޤުބަލެއްގައި އިތުރު ޚިދުމަތްތަކެއް ފައްޓަވަން ނިންމާފައިވާކަމަށެވެ.
2011 ވަނަ އަހަރު މި ބަނދަރު ހުޅުވިގެންއައިއިރު ބަނދަރުން ހަމައެކަނި ލިބެންހުރި ޚިދުމަތަކީ ފެނުގެ ޚިދުމަތެވެ. އެހެންނަމަވެސް މިހާރު މިވަނީ މިޚިދުމަތްތައްވެސް ފުޅާކުރެވިފައެވެ. އަދިސައުވީސް ގަޑިއިރުގެ ކަރަންޓްގެ ޚިދުމަތް ދޭން ފަށާފައެވެ.
އަދި އިތުރު ޚިދުމަތްތަކެއްވެސް ވަނީ ފަށާފައެވެ. އެގޮތުން މިބަނދަރުގައި ޒަމާނީ ފެންވަރުގެ ދަތުރުމާލަމެއް ޤާއިމް ކުރެވި ، ނަމާދު ކުރާނެ މިސްކިތެއްވަނީ ބިނާކޮށްފައެވެ. ދަތުރުވެރިންނަށް ކޮފީ، ޖޫގޯ ފަދަ ބުއިންތަށް ލިބޭނެ ޖޫގޯ ޕޮއިންޓަކާއި ، ފިހާރައަކާއި، ފާޚާނާ ބަރިއެއްވެސް ވަނީ ޤާއިމް ކޮށްފައެވެ. ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޒަމާނީ ފެންވަރުގެ ކެފޭއެއް ބަނދަރުގައި ހުޅުވޭނެއެވެ.
މިބަނދަރުން ދަތުރުވެރިންނަށް ލިބެންފެށި ޚިދުމަތްތަކާއެކު ،އޮޑި ދޯނި ފަހަރުން މުދާބޭލުމާއި، މުދާ ބަރުކޮށް، އަދި ލަފާފުރުމުގެ އިންތިޒާމްތައްވަނީ ހަރުދަނާ އުސޫލެއްގެ މަތިން ހަމަޖެހިފައެވެ.
ބައެއް ދަތުރުވެރިން ހާމަކުރި ގޮތުގައި ، ދަތުރުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ، ބަނދަރުން ލިބެންހުރުމަކީ ވަގުތު ސަލާމަތްވެ ، މަސައްކަތް ހަލުވިކުރުވާ ކަމެކެވެ.
އެއްފަހަރާ ތިރީސް ހަތް އުޅަނދަށް ބަނދަރުކުރެވޭ މީރުބަހުރު ބަނދަރުން ފޯރުކޮށްދޭ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބަނދަރުގެ މުވައްޒަފުން އަބަދުވެސް ތިބެނީ އަތުކުރިއޮޅާލައިގެންނެވެ.