ސަރުކާރުން ދޭ އަރުތަ ސްކޮލާޝިޕްގެ ދަށުން ޓީޓީ ކުޅުންތެރިންނަށް ބޮޑު ފައިދާއެއް ލިބުނު ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ކުޅިވަރު ކުޅުންތެރިން ރާއްޖެއިން ބޭރުން ތަމްރީނު ފުރިހަމަ ކުރުމަށް ސަރުކާރުން ވަނީ އަރުތަ ޕްރޮގްރާމްގެ ނަމުގައި ސްކޮލާޝިޕް ދޭން ފަށައިފައެވެ. މި ސްކޮލާޝިޕްގެ ދަށުން ގިނަ ކުޅުންތެރިން އަންނަނީ ރާއްޖެއިން ބޭރުން މިހާރުވެސް ތަމްރީނު ފުރިހަމަ ކުރަމުންނެވެ. އޭގެ ތެރޭގައި ޓީޓީގެ ގިނަ ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. މިއީ 2022 ވަނަ އަހަރު އުފަންވި ޕްރޮގްރާމެކެވެ.
ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޝިއުރީ ވިދާޅުވީ، މި ޕްރޮގްރާމްގެ ދަށުން ޓީޓީ ކުޅުންތެރިންގެ ފެންވަރު މަތި ކުރަން ބޮޑު ފައިދާއެއް ކުރި ކަމަށެވެ. އެގޮތުން އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ޓީޓީން ގިނަ މެޑަލްތަކެއް ހޯދަން މަގު ފަހިވީ އަރުތައިން ލިބުނު ތަމްރީނުތަކުގެ ސަބަބުން ކަމަށް ޝިއުރީ ވިދާޅުވިއެވެ.
"ސަރުކާރުން ކަނޑައަޅުއްވާފައިވާ އަރުތައިގެ ސަޕޯޓާއެކީ ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް ތަމްރީނު ހަދަމުން އެދަނީ. އެގޮތުން ޖަރުމަނު ކަހަލަ ގައުމުތަކުގައި ތަމްރީނު ހަދަމުން އެބަދޭ" ޝިއުރީ ވިދާޅުވިއެވެ.
ގައުމީ ޓީޓީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހު ޖަޕާނުގައި ފަށާ، އޭޝިއަން ގޭމްސްއަށެވެ. އެގޮތުން މި ފަހަރުގެ ގޭމްސްގައި ޓީޓީން އަށް ކުޅުންތެރިން ވާދަކުރާނެއެވެ. ގައުމީ ޓީޓީ ޓީމުން ތަމްރީނު ހަދަމުން އަންނަނީ ނައިޖީރިއާ ކޯޗެއްގެ އިރުޝާދެއްގެ ދަށުންނެވެ.
މެދު ކެނޑުމަކަށްފަހު ސަރުކާރުން މިހާރު ވަނީ އަލުން އަރުތަ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކުޅުންތެރިންނަށް ހުޅުވާލައިފައެވެ.