ޖަރުމަނުވިލާތުގައި މިހާރު ކުރިއަށްދާ ފީބާ ވިމެންސް ބާސްކެޓްބޯލް ވޯލްޑް ކަޕްގެ ފައިނަލުން އެމެރިކާ އާއި ފަރަންސޭސިވިލާތް ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އެމެރިކާ ޖާގަހޯދީ ސެމީ ފައިނަލްގައި ސްޕެއިން އާއި ބައްދަލުކުރި މެޗު 76-66 ޕޮއިންޓުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ތިން ކުއާޓަރ އަށް ބަލާލާއިރު ދެޓީމުގެ މެދުގައި އެއްވެސް ފަރަގެއް ފާހަގަ ވެފައެއް ނުވެއެވެ. މިގޮތުން ފުރަތަމަ ކުއާޓަރ ނިމުނުއިރު 21-18 ޕޮއިންޓުން އެމެރިކާ ކުރީގައި އޮތް އިރު ދެވަނަ ކުއާޓަރ ނިމުނީ ކޮންމެ ޓީމެއް 18 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނަ ކުއާޓަރ 22-19 ޕޮއިންޓުން ސްޕެއިން ކުރީގައި އޮވެގެން ނިންމާލުމުން މެޗުގެ ހަތަރު ވަނަ ކުއާޓަރއަށް މިދެޓީމު ނިކުތީ 58-58 ޕޮއިންޓުން އެއްވަރު ވެގެންނެވެ. ނަމަވެސް ފަހު ކުއާޓަރގައި އެމެރިކާ ފެނުނީ މުޅިން ތަފާތު ކޮށެވެ. މިގޮތުން މިކުއާޓަރގައި އެމެރިކާއިންވަނީ 10 ޕޮއިންޓުގެ ލީޑެއް ނަގާ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައެވެ.
މިމެޗުގައި އެމެރިކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 16 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގާ 2 އެސިސްޓް ދިން ބްރެއާނާ ސްޓެވާޓެވެ. މީގެއިތުރުން ކާލެއަރ ކޮޕަރވަނީ 13 ޕޮއިންޓް ހޯދައިދީފައެވެ. ސްޕެއިން ޓީމަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 17 ޕޮއިންޓް ހޯދައިދީ 3 ރީބައުންޑް ނަގާ 3 އެސިސްޓް ދިން އިޔާނާ މާޓިންއެވެ. މީގެއިތުރުން މާރިއާ ކޮންޑޭވެސް ވަނީ 17 ޕޮއިންޓް ހޯދައިދީފައެވެ.
މިމުބާރާތުގެ ފައިނަލްގައި އެމެރިކާއިން ވާދަކުރާ ފަރަންސޭސިވިލާތް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި މުބާރާތް ބާއްވާ ޤައުމު ޖަރުމަނުވިލާތާއި ބައްދަލުކޮށް 86-64 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. މިމެޗުގައި މެޗު ފެށިގެން ނިމެންދެން ހުރިހާ ކުއާޓަރއެއްގައި ކުރީގައި އޮތީ ފަރަންސޭސީންނެވެ. މިގޮތުން ފުރަތަމަ ހާފު ނިމުނުއިރު އެޓީމުން 7 ޕޮއިންޓުގެ ލީޑެއް ނަގާފައިވިއިރު މެޗު ނިންމާލީ 22 ޕޮއިންޓްގެ ލީޑެއްގައި އޮވެގެންނެވެ.
މިމެޗުގައި ފަރަންސޭސި ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ 5 ރީބައުންޑް ނަގާ 5 އެސިސްޓް ދިން ގެބީ ވިލިއަމްސްއެވެ. އަދި ޖަރުމަނު ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ޕޮއިންޓް ހޯދައިދިން އެންޔާރާ ސަބަލީ އާއި މެރީ ގުއެލިޗްއެވެ.